ޕީޕަލްސް ކަޕްގެ "އަންޑަ ޑޯގްސް" އަކީ ލަޔަންސް ކަމަށާއި، މާދަމާގެ މެޗަކީ އުނދަގޫ މެޗަކަށް ވިނަމަވެސް، ރަނގަޅު ގޭމެއް ކުޅޭވޭތޯ ބަލާނެ ކަމަށް ސިންގަޕޯރ ލަޔަންސްގެ މެނޭޖަރު ވިސާކަން ސުބްރަމާނިއަން ބުނެފި އެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޕްރީ މެޗް ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިސާކަން ބުނީ، ރޭ ނިއުރޭޑިއެންޓުގެ ކުޅުން ފެނިފައި ވާކަމަށާއި، އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ނިއުއާ ދެކޮޅަށް ކުޅޭ މެޗު ވަރަށް އުނދަގޫ ވާނެ ކަމަށާއި، އެ މެޗުން ކޮންމެހެންވެސް މޮޅުވާން ޖެހޭ ކަމަށް ވިސާކަން ބުންޏެވެ.

"މި މުބާރާތުގެ އަންޑާ ޑޯގްސް އަކީ އަހަރުމެން. އިއްޔެގެ ނާކާމިޔާބީ އަކީ ލިބުނު ވަރަށް ބޮޑު ވެއްޓުމެއް. އަދި ރޭ ނިއު ކުޅޭތަންވެސް ފެނިއްޖެ. މާޒިޔާއާ ދެކޮޅަށް ކުޅުމަށްވުރެ އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ. އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. މާދަމާގެ މެޗު ވެގެން ދާނީ އުނދަގޫ މެޗަކަށް. އެ މެޗުން އަހަރުމެން މޮޅުވާން ޖެހޭ،" ވިސާކަން ބުންޏެވެ.

ވިސާކަން ބުނީ މާދަމާގެ މެޗުގައި ލަޔަންސްގެ ކުޅުންތެރިން އިއްޔެއަށްވުރެ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މި މުބާރާތުގައި ދަތުރު ކުރެވެން އޮތް އެންމެ ދުރަކަށް ހުރިހާ ކުޅުންތެރިންވެސް ދަތުރުކުރަން ބޭނުންވާ ކަމަށާއި، ކުޅުންތެރިންގެ މޯޓިވޭޝަނާ މެދު ސުވާލެއް ނެތް ކަމަށް ވިސާކަން ބުންޏެވެ.

"އިއްޔެގެ ނާކާމިޔާބީއަކީ ލަޔަންސްއަށް ލިބުނު ވަރަށް ބޮޑު ދެރައެއް. ކޮންމެ ކުޅުންތެރިއަކުވެސް މި މުބާރާތުގައި ދަތުރު ކުރެވެން އޮތް އެންމެ ދުރަށް ދަތުރު ކުރަން ބޭނުންވޭ. ފުރަތަމަ އެގާރައިގައި ކުޅުންތެރިން ހިމަނަން ޖެހޭ ސަބަބު ޓީމްގެ ކުޅުންތެރިން ކޯޗަށް ދައްކަދޭން ބޭނުންވޭ. އެހެންކަމުން ހަމައެކަނި އެކަމަކީވެސް ކުޅުންތެރިންނަށް މޯޓިވޭޝަނެއްގެ ގޮތުގައި ފުދޭ. ނިއުގެ ސަޕޯޓަރުން ގިނަ ކަމަށް ވިއަސް ކުޅުންތެރިން ހާހެއް ނުވާނެ. މެލޭޝިއާގައިވެސް އެ ކުޅުންތެރިން ކުޅެނީ އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީ،" ވިސާކަން ބުންޏެވެ.

ވިސާކަން ބުނީ، ޓީމްގެ ކެޕްޓަން އީސާ ހަލީމްއަށް އިއްޔެގެ މެޗުގެ އިތުރުން މިއަދު ހެނދުނު ބޭއްވި ޓްރެއިނިން ސެޝަންގައި ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއް ދިމާވެފައި ވާކަމަށެވެ. އަދި އެ ޓީމްގެ އެންމެ އިތުބާރު ކުރެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ މިޑްފީލްޑަރު ކްރިސްޓޮފާގެ އެންމެ ރަނގަޅު ކުޅުން އިއްޔެ ފެނިގެން ގޮސްފައި ނުވާކަމަށާއި، އެކަމަށް ކޯޗްގެ ކިބައިން ކްރިސްޓޮފާ މައާފަށް އެދި، އިތުރު ފުރުސަތެއް ދިނުމަށް ކޯޗް ކައިރީ އޭނާ އެދިފައި ވާކަމަށްވެސް ވިސާކަން ބުންޏެވެ.

އޭގެ އިތުރުން މާދަމާގެ މެޗުގައި ނަތީޖާ ނެރެން ބޭނުންނަމަ، އެޓޭކްކުރަން އިސްކަން ދޭން ޖަހޭ ކަމަށްވެސް ވިސާކަން ވަނީ ފާހަގަ ކޮށްފައެވެ.