ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އައްޑުއަށް ވަޑައިގެންފި ނަމަ "ތަޅައި ބާލާނެ" ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެފައިވާ އޯޑިއޯއެއް ލީކުވުމުން، އޭނާއަށް ހަމަލާދީ މާރާމާރީ ހިންގައި، ޑީއާރްޕީގެ ދެ ފެކްޝަންގެ ދެމެދުގައި ހަމަނުޖެހުން ހިންގައިފި އެވެ.

މިއަދު 11:00 ގައި ޑީއާރުޕީ އޮފީހުގައި ބޭއްވުމަށް ނިންމި ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމަކަށް މަވޯޓާ ޝަރީފު ވަޑައިގެން އިންނަވަނިކޮށް، މައުމޫންގެ ސަޕޯޓަރުންތަކެއް އެ އޮފީހަށް ވަދެގަނެ، ޝަރީފާ ދިމާކޮށްލައި ޒުވާބުކޮށް ހަދަން ފެށި އެވެ. އަދި ޒައީމް މައުމޫނާ ދިމާލަށް ހަޑި ހުތުރު ބަހުރުވައަކުން ޝަރީފު ވާހަކަދެކެވި ކަމަށާއި އެފަދަ ބަހުރުވައަކުން ޒައީމް މައުނޫނާ ދިމާލަށް މުހާތަބުކޮށްގެން ނުވާނެ ކަމަށް މައުމޫންގެ ސަޕޯޓަރުން ބުނަމުންދިޔަ އެވެ.
މައުމޫންގެ ސަޕޯޓަރުންނާއި ޝަރީފާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ޕާޓީގެ އޮފީސްގެ ތެރޭގައި ބަދަލުކުރަން ފެށުމުން، މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު، އެ މީހުންނަށް ނަސޭހަތްތެރިވެ ޕާޓީގެ އޮފީހުން ނުކުތުމަށް އެންގި އެވެ.

މައުމޫންގެ ސަޕޯޓަރުނާއި އެމަނިކުފާނުގެ ބޮޑީ ގާޑުން ޑީއާރްޕީ އޮފީހުން ނުކުތް ވަގުތު، ތަސްމީންގެ ސަޕޯޓަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކަށް ފަހު، މާރާމާރީ ވެސް ހިންގާފައިވެ އެވެ. އަދި އެ ހަމަނުޖެހުންތަކުގެ ތެރޭގައި އެ ޕާޓީގެ ކައުންސިލް މެންބަރެއް ކަމުގައިވާ އިބްރާހިމް ވަހީދު ކައުންސިލް ޖަލްސާގައި ބައިވެރިނުކޮށް ޕާޓީގެ އޮފީހުން ބޭރުކޮށްފައިވެ އެވެ. އަދި މައުމޫންގެ ސަޕޯޓަރުން އޮފީހުން ނުކުމެ، މަގުމަތީގައި ތިބެ، ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ނައިބު ލީޑަރު ޝަރީފުގެ އިސްތިއުފާއަށް ވެސް ގޮވައިފައި އެވެ.

ޑީއާރުޕީ އޮފީސް ކައިރީގައި ހިންގި ހަމަމަނުޖެހުންތަކާ ގުޅިގެން ކައުންސިލްގެ ޖަލްސާ ނުފެށި ލަސްވެފައި ވަނިކޮށް، މަވޯޓާ ޝަރީފު ޑީއާރުޕީ އޮފީހުން ނުކުމެވަޑައިގެން ތަނުން ޒައީމް މައުމޫންގެ ސަޕޯޓަރުންތަކެއް ވަނީ އޭނާގެ ކަންފަތް ބުޑުގައި އަޑު ގަދަ ކުރާ ޖައްސައި ހަޑި ހުތުރު ބަސްތައް އޭނާއާ ދިމާލަށް ގޮވައި، ހަމަލާދީ މާރާމާރީ ވެސް ހިންގައިފަ އެވެ. އެހިސާބުން ފުލުހުން ޝަރީފަށް އިމާޔަތްދީ ފުލުހުންގެ ވެހިކަލެއްގައި ގެންދިޔައީ އެވެ.
ޝަރީފަށް މައުމޫންގެ ސަޕޯޓަރުން ހަމަލަދިނީ އެމްއެންބީސީ ވަން އިން އިއްޔެ ބްރޯޑްކާސްޓް ކުރި އޯޑިއޯއަކާ ގުޅިގެނެވެ. ލޯކަލް ކައުންސިލް ކެމްޕެއިންގެ ތެރޭގައި ރިކޯޑްކޮށްފައިވާ އެ އޯޑިއޯގައި ޝަރީފް ވިދާޅުވެފައި ވަނީ ޒައީމް މައުމޫން އައްޑުއަށް ވަޑައިގެންފި ނަމަ "ތަޅައި ބާލާނެ" ކަމަށެވެ.

"އައްޑު އަތޮޅުގައި ތިބި ޑީއާރުޕީގެ ސަޕޯޓަރުންގެ 99 ޕަސެންޓެއް މައުމޫނުގެ ފަހަތަކު ނޯންނާނެ. މިކަންކަމުގެ ނަތީއްޖާއަކަށް ވަނީ އެމްޑީޕީ ވެރިކަމުގައި އޮތުން. ޒައީމް ވަޑައިގެން އަޅުގަނޑުމެންނާ ގުޅުމެއް ނުބާއްވައި، އުމަރު ނަސީރާއި އިލްހާމް ގޮވައިގެން... އައްޑުއަށް ވަޑައިގަންނަވަނީ. ހަދާންނައްތާލަން ޖެނޭނީ! އަހަރުމެންނަށް ވެސް ދައުވަތު ނުދީ ވެސް އެބަހުރި. ހަމަ ތަޅައި ބާލާނީ އައްޑު އަތޮޅުން."

މަވޯޓާ ޝަރީފު ޒައީމް މައުމޫނާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ދެއްކުމާ ގުޅިގެން، މިއަދުގެ ކައުންސިލް ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ނިންމާފައިވާ ކަމަށް ސަންއަށް ވަނީ މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް ކައުންސިލް ބައްދަލުވުން ވަޑައިގަތުން ލަސްވުމާ ގުޅިގެން، 1:00 ބޭއްވި ކައުންސިލް ބައްދަލުވުމުގައި އާރިފް ބާއިވެރިވެ ވަޑައިގެންފަ އެވެ ނުވެ އެވެ.

އެކަމާ ބެހޭ ގޮތުން ތަސްމީން ވިދާޅުވެފައި ވަނީ އެ މައްސަލަ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުމުން އެކަމާ މެދު ކައުންސިލުން ގޮތެއް ނިންމާނެ ކަމަށެވެ.