23 Jan 2015, 20:18
މާދަމާ ރޭ މަޒިޔާއާ ދެކޮޅަށް ޕީޑީއާރްއެމް ނިކުންނަ އިރު، އެ ޓީމް އަލީ އަޝްފާގް (ދަގަނޑޭ)އަށް ބަރޯސާ ވާނެ ކަމަށާއި، މާޒިޔާއާ ދެކޮޅަށް ޕީޑީއާރްއެމްއަށް ތަޖުރިބާ ލިބިފައި ނެތަސް، އަޝްފާގަށް ޕީޑީއާރްއެމްއަށް އެހީތެރި ވެވިދާނެ ކަމަށް އެ ޓީމްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ފައުޒީ ޕިލަސް ބުނެފި އެވެ.
ފައުޒީ ބުނީ ރޭ ކުޅުނު މެޗުގައި ނިއުރޭޑިއެންޓާ ދެކޮޅަށް އެ ޓީމަށް ލިބުނު ކާމިޔާބީއަކީ އެ ޓީމްގެ ނަސީބު ކަމަށެވެ. އަދި މާޒިޔާ އަކީވެސް ރަނގަޅު ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ރޭގެ ކާމިޔާބީއަށް ފަހު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކަމަށާއި، މެޗަށް ތައްޔާރު ވުމަށް އަޝްފާގަށް ޓީމަށް އެހީތެރި ވެވިދާނެ ކަމަށް ފައުޒީ ބުންޏެވެ.
"ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް. އެ ޓީމާ ދެކޮޅަށް ތިން ޕޮއިންޓު ލިބުމަކީ ޕީޑީއާރްއެމްގެ ނަސީބު. މާޒިޔާ އަކީވެސް ހަމަ އެފަދަ ޓީމެއް. އެ ޓީމަކީ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް. ޕީޑީއާރްއެމްއަށް މާޒިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ. ނަމަވެސް މެޗަށް ތައްޔާރު ވުމުގައި ފަހަރެއްގައި އަޝްފާގަށް ޓީމަށް އެހީތެރި ވެވިދާނެ،" ފައުޒީ ބުންޏެވެ.
ފައުޒީ ބުނީ ރޭގެ މެޗުގައި އަޝްފާގަށް ސްކޯ ނުކުރެވުނުކަން އެއީ މާ ބޮޑު މައްސަލައެެއް ނޫން ކަމަށާއި، މެޗުގައި އޭނާ ޓީމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދަދިން ކަމަށެވެ. އަދި ރޭގެ މެޗަށްފަހު އަޝްފާގުގެ މޯޓިވޭޝަން ރަނގަޅު ކަމަށާއި، އޭނާއަކީ އެހެން ޓީމުތަކަށް ހިފައްޓާލަން ވަރަށް އުނދަގޫ ކުޅުންތެރިއެއް ކަމަށްވެސް ފައުޒީ ބުންޏެވެ.
"ރޭގެ މެޗަށް ފަހު އަޝަފާގް ހުރީ ރަނގަޅު ސްޕިރިޓެއްގައި. އެނާގެ މޯޓިވޭޝަންވެސް ރަނގަޅު. ރޭގެ މެޗުގައި އޭނާ ސްކޯ ކުރާނެ ކަމަށް އެންމެންވެސް އުންމީދު ކުރި. ނަމަވެސް އޭނާއަށް ސްކޯ ނުކުރެވުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫން. މެޗުގައި ވަރަށް ރަނގަޅަށް އޭނާ ނިއުރޭޑިއެންޓުން މާކު ކުރި. ނަމަވެސް އޭނާއަކީ އިދިކޮޅު ޓީމްތަކަށް ހިފައްޓާލަން ވަރަށް އުނދަގޫ ކުޅުންތެރިއެއް،" ފައުޒީ ބުންޏެވެ.
އޭގެ އިތުރުން ފައުޒީ ވަނީ ޓީމުގައި ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް އުޅޭ ކަން ފާހަގަކޮށް، ޓީމްގެ ފިޒިއޯ އެ ކުޅުންތެރިންނަށް ފަރުވާދެމުން ދާކަންވެސް ހާމަކޮށްފައެވެ. އަދި މާދަމާ ރޭގެ މެޗަށް ކުޅުންތެރިން ފިޓު ވާނެ ކަމަށް ބެލެވޭ ކަމަށްވެސް ފައުޒީ ބުންޏެވެ.
ޕީޕަލްސް ކަޕްގައި ރޭ ކުޅުނު މެޗުން މޮޅުވެ ޕީޑީއާރްއެމް ވަނީ މުބާރާތުގައި އެ ޓީމްގެ ފުރަތަމަ ތިން ޕޮއިންޓު ހޯދައިފައެވެ. އެ ޓީމް މި މުބާރާތުގައި ކުޅެމުން އަންނަނީ އަޝްފާގަށް ވަރަށް ބޮޑަށް ބަރޯސާ ވެގެނެވެ.