23 Jan 2015, 20:06
ބިރުދެއްކި ކަމުގައިވިޔަސް ގާނޫނުއަސާސީ ހިމާޔަތްކުރަން އެމްޑީޕީން ކުރާ މަސައްކަތް ހުއްޓައިނުލާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު މާލޭގައި ބޭއްވި ހިނގާލުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން މިއަދު ނުކުމެ މިތިބީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ކުރިން ވަކާލާތު ކުރަމުން އައި އުސޫލުތައް ދެމެހެއްޓުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު އަނެއްކާވެސް ނުކުމެ މިތިބީ މި ގާނޫނުއަސާސީ ހިމާޔަތް ކުރަން. އަޅުގަނޑުމެން ވަކާލާތު ކުރަމުން ގެންދިޔަ އުސޫލުތައް ދެމެހެއްޓުމުގައި އަބަދުމެ ތިބުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތުގައި ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް ބިރުދެއްކިޔަސް ވެސް އަޅުގަނޑުމެންނަކީ މި ކަމުގައި މަސައްކަތް ކުރުން ހުއްޓާލާނެ ބައެއް ނޫން ހުއްޓާލާނެ ޕާޓީއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން ވަނީ ގާނޫނުއަސާސީއާ ޚިލާފަށް ރޫޅާލެވިފައި ކަމަށާއި ހަމައެއާއެކު ގާނޫނުއަސާސީއާ ޚިލާފަށް އޮޑިޓާ ޖެނެރަލް ވެސް ވަކި ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީން މަސައްކަތް ކުރާނީ އެބޭފުޅުން އަލުން މަގާމަށް ރުޖޫއަކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ކޮންމެ ކަމެއްގައި ރައްޔިތުންނާ އެކު މަގުމައްޗަށް ނުކުމެ އެމްޑީޕީން ވަކާލާތު ކުރާނެ ކަމަށް ވެސް މިއަދުގެ ހިނގާލުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ހަވީރު 4:00 އިން ފެށިގެން 6:00 އަށް ކުރިއަށް ގެންދިޔަ ހިގާލުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އާއި ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މީގެކުރިން އެމްޑީޕީއާ ދެކޮޅަށް އިހުތިޖާޖު ކުރި ބައެއް ފަރާތްތައް ވެސް މިއަދުގެ ހިނގާލުމުގައި ބައިވެރިވެފައިވެއެވެ.