ޕީޕަލްސް ކަޕްގައި މާދަމާ ރޭ މެލޭޝިއާގެ ޕްރިމިއަލީގު ޗެމްޕިއަން ޕީޑީއާރްއެމްއާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނިކުންނަ އިރު، އެޓީމުގެ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަންދޭން ޖެހޭ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ، އިއްޔެ ހަވީރު ސިންގަޕޯރ ލަޔަންސާ ދެކޮޅަށް ކުޅުނު މެޗަށް ވުރެ މާދަމާ ރޭ ޕީޑީއާރުއެމްއާ ދެކޮޅަށް ކުޅޭ މެޗު ވަރުގަދަ ވާނެ ކަމަށެވެ. އަދި އެ މެޗުގައި ޑިފެންސަށް އިސްކަން ދޭން ޖެހޭ ކަން ފާހަގަކޮށް، ޕީޑީއާރްއެމް އަކީ ލަޔަންސްއާ ފެންވަރުގެ ގޮތުން ތަފާތު ޓީމެއް ކަމަށް ބުންޏެވެ. ހާއްސަކޮށް އެ ޓީމްގެ އެޓޭކިންގައި، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހުރުމުން ޑިފެންސަށް އިސްކަން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"ރޭގެ މެޗުގައިވެސް އަޝްފާގް އެފަޓެއް ލީ ކޮންމެ ފަހަރަކު ޕީޑީއާރްއެމްއަށް ފުރުސަތުތަކެއް ތަނަވަސް ވެގެން ދިޔަތަން ފެނިގެން ދިޔަ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، މާދަމާ ރޭގެ މެޗަށް ނިކުންނަ އޭނާގެ ޓީމުގެ ފުރަތަމަ އެގާރައިން ދެ ބަދަލެއް ފެނިގެން ދިޔުން އެކަށީގެން ވާކަމަށެވެ. އިއްޔެ ހަވީރު ސިންގަޕޯރ ލަޔަންސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ދެ ތިން އިންޖަރީއެއް އުޅޭ ކަމަށާއި، މާދަމާ ރޭގެ މެޗުން އެ ޓީމްގެ ޑިފެންޑަރު ފަރުހާދު އިސްމާއިލް ފެނިގެން ދިޔުން ދުރު ކަމަށެވެ. އަދި މިޑްފީލްޑަރު މޫސާ ޔާމީން (ޔާންބެ)ވެސް ބަދަލު ކުރާނެ ކަމަށް ސުޒޭން ބުންޏެވެ.

"މާދަމާގެ މެޗަށް ޓީމަށް ދެ ބަދަލެއް ވަރު އައިސްދާނެ. އޭގެ ތެރޭގައި ފަރުހާދު ބަދަލުވުން އެކަށީގެންވޭ. އިއްޔެ މެޗުން އޭނާއަށް ކޮންމެވެސް ވަރެއްގެ އިންޖަރީތަކެއް ދިމާވެފައި ވާކަން ފާހަގަ ކުރެވޭ. އަދި އޭގެ އިތުރުން މާދަމާގެ މެޗުގައި ޔާންބެވެސް ރިޕްލޭސް ވެގެން ދާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، މި މުބާރާތުގައި އެ ޓީމަށް މިފަހަރު ގެނައި ބްރެޒިލްގެ މިޑްފީލްޑަރު ސިލަސް ޖޫނިއާ ފެނިގެން ދިޔުން ދުރު ކަމަށެވެ. ނަމަވެސް އިއްޔެ ހަވީރު އެ ޓީމް ކުޅުނު މެޗުގައި މާޒިޔާގައި މޮޅު ކުޅުމެއް ދެއްކި ޓީމްގެ ސްޕެނިޝް ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް ފެނިގެން ދާނެ ކަމަށާއި، އޭނާގެ ކުޅުމާ މެދު ވަރަށް ހިންހަމަ ޖެހޭ ކަމަށް ސުޒޭން ބުންޏެވެ.

"ބްރެޒިލްގެ ކުޅުންތެރިޔާ މި މުބާރާތުގައި ބޭނުން ކުރެވޭނެ ކަމަކަށް ލަފައެއް ނުކުރެވޭ. މިހާރު އޭނާ ހުރި ފެންވަރާ ޝޭޕަށް ބަލާއިރު މާޒިޔާގެ އެއްވެސް ދިވެހި ކުޅުންތެރިއެއްގެ ބަދަލުގައި އޭނާ ބޭނުން ކުރެވޭކަށް ނެތް. ނަމަވެސް ޕަބްލޯ މެޗުން ފެނިގެން ދާނެ. ކުރިންވެސް ފާހަގަ ކުރިހެން އޭނާއަކީ މި ފަހަކަށް އައިސް ރާއްޖެއައި އެންމެ މޮޅު އެއް ބިދޭސީ ކުޅުންތެރިޔާ. މިހާތަނަށް އަޅުގަނޑުމެނަށް ފެނިގެން މި ދިޔައީ އޭނާ ގަލޮޅު ދަނޑަށް އާ ވެގެން އުޅުމުގެ ބަދަލުގައި ދަނޑަށް ފަރިތަކަން ދެއްކި ތަން. އެއީ އޭނާގެ ޕްރޮފެޝަނަލިޒަމް،" ސުޒޭން ބުންޏެވެ.

މާދަމާ ރޭ މެޗަށް މާޒިޔާ ނިކުންނަ އިރު، އެ ޓީމް ވަނީ މުބާރާތުގައި ސިންގަޕޯރ ލަޔަންސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ތިން ޕޮއިންޓް ހޯދައި، މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައެވެ.