ޕީޕަލްސް ކަޕްގެ ތިން ވަނަ ދެވަނަ މެޗުގައި މާދަމާ ހަވީރު ސިންގަޕޯ ލަޔަންސްއާ ދެކޮޅަށް ނިއުރޭޑިއެންޓް ނިކުންނަ އިރު، އެ މެޗުގައި މުޅި ޓީމް ރަނގަޅު އެޓޭކިން ގޭމެއް ކުޅެން އިސްކަން ދޭން ޖެހޭ ކަމަށް ނިއުގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފި އެވެ.

މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން މިކާ ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ އަދި މި ސީޒަންގައި ނިއުގެ އެންމެ ފުރަތަމަ މެޗު ކަމަށާއި، މާދަމާގެ މެޗު އެއަށްވުރެ ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

މާދަމާގެ މެޗުގައި ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނާން ވިސްނާ ކަމަށާއި، މި މުބާރާތުގައި ފުޓްބޯޅަ ކުޅުމުގެ ތަފާތު "ދެތިން ސިސްޓަމަކާއި ފޯމޭޝަންތަކެއް" ޓެސްޓު ކޮށްލަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"އުންމީދަކީ ފުރަތަމަ މެޗަށް ވުރެ ދެވަނަ މެޗު ރަނގަޅު ވުން. އެންމެ މުހިންމު ކަމަކީ ޓީމް ކުރިއަށް ޖެހިލައިގެން ރަނގަޅު އެޓޭކިންގް ގޭމެއް ކުޅުން. އަދި އުފައްދާ އެޓޭކް ތަކުގައި މުޅި ޓީމް އެއްކޮށް ބައިވެރި ވުން. މި މުބާރާތުގައި ކުޅުމުގެ ތަފާތު ދެ ތިން ސިސްޓަމަކާ ފޯމޭޝަންތަކެއް ތަޖުރިބާ ކޮށްލަން ކޯޗިންގް ސްޓާފާއެކު މަޝްވަރާ ކުރިން. އެއީ މި މުބާރާތަށްފަހު އޮންނަ އޭއެފްސީ ކަޕަށްވެސް ތައްޔާރު ވުމުގެ ގޮތުން،" މިކާ ބުންޏެވެ.

މިކާ ބުނީ، މުބާރާތުގައި އެހާ ކައިރި ކައިރިން މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިން ރިކަވާރ ކުރަން ބޭނުންވާ ވަރަށް ވަގުތު ނުލިބޭ ކަމަށެވެ. އަދި މިއަދު އެ ޓީމް ރަހުމަތްތެރިކަމުގެ މެޗެއްވެސް ކުޅެން ހަމަޖެހިފައި ވުމުން، މާދަމާގެ މެޗުގެ ފުރަތަމަ އެގާރައިގައި ބަދަލުތަކެއް ފެނިގެން ދިޔުން އެކަށީގެން ވާ ކަމަށްވެސް މިކާ ބުންޏެވެ.

"އެހާ ކައިރި ކައިރިން މެޗު ކުޅެން ޖެހުމެން ކުޅުންތެރިންނަށް ރިކަވާ ކުރަން އުނދަގޫ ވާނެ. އަދި ހަމަ އެއާއެކު މިއަދު ރަހުމަތްތެރި ކަމުގެ މެޗެއްވެސް ނިއުއިން ކުޅެން. އެހެން ކަމުން މާދަމާގެ މެޗުން ބަދަލުތަކެއް ފެނިގެން ދިޔުން އެކަށީގެންވޭ. ކުޅުންތެރިން އަދި މިހާތަނަށް މޯޓިވޭޓް ނުވެއެކޭ ނުބުނެވޭނެ. މައްސަލައަކީ މޯޓިވޭޝަނެއް ނޫން. ނިއުއަށް މިހާރު ބޭނުންވާ ކަމަކީ ގޯލް ސްކޯ ކުރަން ފެށުން. އޭރުން ޓީމް ރަނގަޅު ފޯމަކަށް އެޅިގެން ދާނެ ކަމަށް ބެލެވޭ،" މިކާ ބުންޏެވެ.

ރޭގެ މެޗުގައި ނިއު ބައްދަލުކޮށްފައި ވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން ކުޅެމުން އަންނަ މެލޭޝިއާގެ ޓީމް ޕީޑީއާރްއެމްއާ އެވެ. އެ މެޗު 1-0 ގެ ނަތީޖާއަކުން ޕީޑީއާރްއެމް ކާމިޔާބު ކުރުމުން، ނިއު ވަނީ މުބާރާތުގައި ކުރިއަށް ދިޔުމަށް މިހާރު އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. ހަމަ އެއާއެކު ޕީޕަލްސް ކަޕްގައި އަދި މިހާތަނަށް އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވޭ ހަމައެކަނި ޓީމަކީ ނިއު އެވެ.