ދިރާގުގެ ރީތި ނަމްބަރާއި 777 ގެ ނަމްބަރު ގަތުމަށް ހުޅުވާލި ޕްރޮމޯޝަނާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މިއަދު ދިރާގު ކައިރީގައި ކިޔު ހަދައިފި އެވެ.

"ދިރާގު ނަމްބަރު ފިއެސްޓާ"ގެ ނަމުގައި މިއަދު މެންދުރު 2:00 އިން މިރޭ 8:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ޕްރޮމޯޝަންގައި ނަމްބަރުތައް ގަތުމަށް އިސްލާމީ މަރުކަޒު ކައިރީ ފަރާދީ މަގާއި ޗާނދަނީ މަގު ކަން މަައްޗަށް ވާގޮތަށް ހުންނަ ދިރާގު ކަސްޓަމަރ ފޮރަންޓް އޮފީސް ކައިރި ބޮޑު ކިޔުއެއް މިއަދު މެންދުރުން ފެށިގެން ވަނީ ހަދައިފަ އެވެ.

ދިރާގުގެ ނައިސް ނަމްބަރުތައް ހޯދަން މިއަދު ގިނަ އަދަދެއްގެ ބަޔަކު ކިޔުގައި -- ފޮޓޯ ދިރާގު

ދިރާގުގެ އެސިސްޓެންޓް މާކެޓިންގް މެނޭޖަރު އިމްޖާދު ޖަލީލް މިއަދު 'ސަން' އަށް ވިދާޅުވީ މިއަދު މެންދުރު ފަހުން ފެށިގެން ހުޅުވާލި ޕްރޮމޯޝަނަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ހުކުރު ދުވަހަކު އެ ފުރުސަތު ހުޅުވާލީ ވީހާވެސް ގިނަ ބަޔަކަށް ނަމްބަރުތައް ގަތުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮމޯޝަން ހުޅުވާލިއިރު ހިއެއް ނުކުރަން މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަަމަކަށް. ނަމަވެސް ކިއު ފެނިފައި އެނގިއްޖެ ކަސްޓަމަރުން އެ ނަމްބަރުތައް ހޯދަން ބޭނުންވެފައި ތިބި މިންވަރު، މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރުވެރިވަން،" އިމްޖާދު ވިދާޅުވި އެވެ.
ދިރާގުގެ ނައިސް ނަމްބަރުތައް ހޯދަން މިއަދު ގިނަ އަދަދެއްގެ ބަޔަކު ކިޔުގައި -- ފޮޓޯ ދިރާގު

ދިރާގުން މީގެ ދުވަސްތަކެއް ކުރިން ނައިސް ނަމްބަރެއް ވިއްކަމުން ގެންގޮސްފައިވަނީ 5000 ރުފިޔާ އަށާއި 7000 ރުފިޔާ އަށެވެ. ނަމަވެސް މި ޕްރޮމޯޝަންގައި ދިރާގުން 777 ގެ ނަމްބަރެއް ވިއްކަމުން ގެންދަނީ 2000 ރުފިޔާ އަށެވެ. އަދި ނައިސް ނަމްބަރުތައް ހިލޭ ދެނީ އެެ ޕެކޭޖްއެއްގެ އަގު ނެގުމަށް ފަހު އެވެ.

އިމްޖާދު ވިދާޅުވީ ދިރާގުގެ 777 ގެ ނަމްބަރުތަކާއި ނައިސް ނަމްބަރުތައް ވިއްކުމަށް ހުޅުވާލި ޕްރޮމޯޝަންގެ ބޭނުމަކީ ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ވެސް ނައިސް ނަމްބަރެއް ހިލޭ ހޯދައިދިނުމުގެ އިތުރުން 777 ނަމްބަރުތައް ނުވިއްކާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ދިރާގުގެ ކަސްޓަމަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ދިރާގުގެ ނައިސް ނަމްބަރުތައް ހޯދަން މިއަދު ގިނަ އަދަދެއްގެ ބަޔަކު ކިޔުގައި -- ފޮޓޯ ދިރާގު

ދިރާގުން މިއަދު ހުޅުވާލި ޕްރޮމޯޝަންގައި ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރެއް ބޭނުންވާ 6 ނަމްބަރެއް ގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން 777 ގެ އެއް ނަމްބަރު އަދި ނައިސް ނަމްބަރުގެ 5 ނަމްބަރު އެމީހެއްގެ ނަމުގައި ނުވަތަ އެހެން މީހެއްގެ ނަމުގައި ވެސް ރެޖިސްޓްރީ ކުރެވިދާނެ އެވެ. ނަމަވެސް މިރޭ 8:00 ގެ ކުރިން ރަޖިސްޓްރީކުރާ ނަމްބަރުތައް ގަންނަން ޖެހެ އެވެ.

"އެމީހަކު ބޭނުންވާ ނަމްބަރުތަކެއް އެހެން ނޫނީ އެހެން މީހެއްގެ ނަމުގައި ވެސް ބުކް ކުރެވިދާނެ. ނަމަވެސް ޕްރޮމޯޝަންގައި ދޫކުރާ އެ ނަމްބަރުތައް މިރޭ 8:00 ގެ ކުރިން ގަންނަން ޖެހޭނެ،" އިމްޖާދު ވިދާޅުވި އެވެ.