23 Jan 2015, 16:50
އަވައްޓެރި އަދި ވާދަވެރި އީރާނާ ދެކޮޅަށް އޭއެފްސީ އޭޝިއަން ކަޕް 2015ގެ ކުއާޓާފައިނަލްގައި މިއަދު އިރާގު ވާދަކުރި މެޗުގެ 3-3 އެއްވަރު ވުމުން ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖަހައިގެން 6-7 ލަނޑުން މޮޅުވެ އިރާގު އެ މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ވާދަވެރި އީރާނުގެ މައްޗަށް ހޯދި ކާމިޔާބީއާއެކު ސެމީ ފައިނަލްގައި އިރާގު ވާދަކުރާން ޖެހޭނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.
އޮސްޓްރޭލިއާގައި ކުރިއަށް ގެންދާ މި މުބާރާތުގެ ކުއާޓާގައި މިއަދު ކެމްބަރާގެ ކެމްބަރާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި މެޗުގެ ކުރި ހޯދީ އީރާނެވެ. މެޗުގެ 24 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ، "އީރާނުގެ މެސީ"ގެ ނަމުން މަޝްހޫރުވެފައިވާ ހުނަރުވެރި ފޯވާޑް ސަރްދާރު އަޒްމޫން އެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނީ އީރާނަށް 1-0ގެ ލީޑެއް ލިބިގެންނެވެ.
ދެވަނަ ހާފްގެ ކުޅުން އީރާނުން ފެށީ 10 ކުޅުންތެރީންނާއެކު އެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނިޓްގައި އެޓީމުގެ މެހެރްދާދު ޕޫލަޑީއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ރެފްރީ ވަނީ އޭނާ ދަނޑުން ފޮނުވާލައިފައެވެ.
އިރާގަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 56 ވަނަ މިނިޓްގައި އަހްމަދު ޔާސީން އެވެ. 2007 ވަނަ އަހަރު އޭސިއަން ކަޕް ކާމިޔާބުކުރި އިރާގުގެ މި ލަނޑު ވެގެން ގޮސްފައިވަނީ މި މުބާރާތުގައި އީރާނުގެ ގޯލަށް ވަން ފުރަތަމަ ލަނޑަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފުގެ ތިންވަނަ މިނިޓްގައި އިރާގުގެ ޔޫނިސް މުޙައްމަދު ލަނޑެއް ޖަހައި އެޓީމަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިދިނެވެ. އެހެން ނަމަވެސް އޭގެ 10 މިނިޓް ފަހުން އީރާންގެ ޕޫރަލިގަންޖީ ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގެ 116 ވަނަ މިނިޓްގައި އިރާގުން ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދީ އީރާންގެ ޕެނަލްޓީ އޭރިޔާތެރެއިން ޕޫރަލިގަންޖީ އިރާގުގެ ޔާސިމްއަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ ދުރުޣާމް އިސްމާއީލް އެވެ.
އިތުރުވަގުތުގެ ދެވަނަ ހާފުގެ ފަހު މިނިޓްގައި އީރާނަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، އެޓީމު ކުޅޭ ގިނަ މެޗުތަކުގައި އާންމުކޮށް ސްކޯކުރާ ކުޅުންތެރިޔާ ގޫޝަނީޖާދު އެވެ. 10 ކުޅުންތެރީންނާއެކު އީރާނުން ދެއްކި ހިތްވަރާއެކު މެޗު ޕެނަލްޓީ ޝޫޓްއައުޓަކަށް ދިޔައީ 3-3 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ދެޓީމުންވެސް ފުރަތަމަ ޖެހި ދެ ޕެނަލްޓީ ނާކާމިޔާބު ވިނަމަވެސް ޖެހިގެން އައި 12 ޕެނަލްޓީ ދެޓީމުން ކާމިޔާބުކަމާއެކު ނިންމާލިއެވެ. އޭގެ ފަހުން އީރާންގެ އާމިރީ ފޮނުވާލި ޕެނަލްޓީ ގޯލް ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ. އަދި އިރާގުގެ ޑިފެންޑަރު ޝާކިރު ހަމަޖެހިލާފައި ފޮނުވާލި ޕެނަލްޓީ ގޯލްތެރެއަށް ވަނުމާއެކު މެޗު ނިމިގެން ދިޔައީ އޭޝިއަން ކަޕްގައި މިހާތަނަށް އެޓީމަށް އީރާނުގެ މައްޗަށް ހޯދުނު ދެވަނަ ކާމިޔާބީއާއެކު އެވެ. މީގެ ކުރީން މިދެޓީމު އޭޝިއަން ކަޕްގައި ހަ ފަހަރު ބައްދަލުކޮށްފައި ވެއެވެ.