ސައުދީއެރެބިޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު ރޭ އަވަހާރަވުމުން، ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވެއްޓެމުން އައި ތެލުގެ އަގު މައްޗަށް ޖެހިލައިފި އެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ، ސައުދީއެރެބިޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު ރޭ ފަތިހު އަވަހާރަ ވުމާ އެކު، ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ސަލްމާން އަބްދުލް އަޒީޒު މިއަދު ވަނީ ރަސްކަމުގެ ތަހުތުގައި ރެނދެލި ކުރުވައިފަ އެވެ.

ސައުދީ ޓީވީއާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ ސައުދީ އެރެބިޔާގެ ތެލުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނުމުގެ ގޮތުން ތެލާ ބެހޭ ވަޒީރަކަށް ހަމަ މިހާރު ވެސް ހުންނެވި އަލީ އަލް ނައިމި މަގާމުގައި ބެހެއްޓެވުމަށް ރަސްގެފާނު ނިންމަވާފައިވާ ކަމަށެެވެ.

ރަސްގެފާނު އަބްދުﷲ އަވަހާރަވުމުގެ ކުރިން، އަދި ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތީ، ސައުދީ ސަރުކާރުގެ ސިޔާސަތުތައް ސަލަމާން ބައްޓަންކުރާއްވަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެ އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގެ ބެންޗު ކަނޑައަޅާ، އެެމެރިކާގެ ބްރެންޓް ކުންފުނިން ސާފު ނުކުރާ ތެޔޮ ފީފާއެއް މިއަދު ވިއްކީ ކުރި އަށްވުރެ، 78 ސެންޓް ބޮޑުކޮށް، އަދި 49.30 ޑޮލަރަށް ފީފާ އެކެވެ. އެމެރިކާގެ ޑަބްލިޔުޓީއައި އިން ތެޔޮ ފީފާއެއް ވިއްކީ 39 ސެންޓް އަގު ބޮޑުކޮށް، 46.70 ޑޮލަރަށް ފީފާ އެކެވެ.

ތަފާތު ފަހަރުމަތިން ތެލުގެ އަގު ވެއްޓެމުން އައިސް ޖެނުއަރީ މަހު ބްރެންޓުން ތެޔޮ ފީފާއެއް ވިއްކަމުން އައީ 47.78 ޑޮލަރަަށް ފީފާ އެކެވެ.