23 Jan 2015, 15:01
ރިޔާޟް (ޖަނަވަރީ 23) : ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމާ ގުޅިގެންދުނިޔޭގެ އެކިގައުމުތަކުގެ ލީޑަރުން ސައޫދީ އައު ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށާއި ސައޫދީ ރައްޔިތުނަށް ތަޢްޒިޔާ ވިދާޅުވަމުން އެބަގެންދެ އެވެ.
ތަޢްޒިޔާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާއި އުރުދުންގެ އަބްދުﷲ ރަސްގެފާނު ދެވަނައާއި މަޣްރިބް ގެ ރަސްގެފާނު މުޙައްމަދާއި ގަލްފުގެ ގައުމުތަކުގެ އަމީރުންނާއި ރަސްރަސްކަލުންގެ އިތުރުން އީރާނުގެ ރައީސް ޙަސަން ފަރީދޫން ރޫހާނީއާއި ދިވެހިރާއްޖޭގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއާއި އިނގިރޭސިވިލާތާއި ތުރުކީއާއި ފަރަންސޭސިވިލާތުގެ ލީޑަރުންނާއި ޗައިނާއި ރަޝިޔާގެ ރައީސުންނާއި އިންޑިޔާއާއި ޖަޕާނާއި މެލޭޝިޔާގެ ބޮޑުވަޒީރުންނާއި އެނޫންވެސް ދުނިޔޭގެ އެތަށް ގައުމެއްގެ ލީޑަރުން ހިމެނެ އެވެ.
މިސްރުގެ ރައީސް ސީސީ ވަނީ ސްވިސްޓްޒަރލޭންޑަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ވެސް ކެންސަލް ކުރެއްވުމަށް ފަހު އަބްދުﷲ ރަސްގެފާނުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ޓަކައި ސައޫދީ އަރަބިޔާއަށް ވަޑައިގަތުމަށް ދަތުރުފުޅު ފައްޓަވާފަ އެވެ. އަދި އދ. އާއި އޯއައިސީ އާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމްއިޢްޔާ ޖަމާއަތްތަކުގެ އިސްވެރިން ވެސް ވަނީ ސައޫދީ އައު ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށާއި ސައޫދީ ރައްޔިތުނަށް ތަޢްޒިޔާ ވިދާޅުވެ މެސެޖްތައް ފޮނުއްވާފަ އެވެ. އަބްދުﷲ ރަސްގެފާނު އަވަހާރަވުމުގެ ހިތާމައާ ގުޅިގެންއަރަބި އަދި އިސްލާމީ އެތަށް ގައުމެއްގައިވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިޢްލާންކޮށްފަ އެވެ.
ސައޫދީ ރަސްގެފާނު އަބްދުﷲ ރޭ މެންދަމު އަވަހާރަވުމާ ގުޅިގެން އެގައުމުގެ ރަސްކަމަށް ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްއަޒީޒް އިސްވެ ވަޑައިގަތުމަށް ޝާހީ އާއިލާއިން ވަނީ ބައިޢަތު ހިފާފަ އެވެ. ސައޫދީ ރަސްކަމުގެ ދީވާނުން ބުނީ ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްއަޒީޒަށް ޝާހީ އާއިލާއިން ރަސްކަމަށް ބައިއަތު ހިފާފައިވާ ކަމަށާ ސައޫދީ ރައްޔިތުން އޭނާއަށް ބައިއަތު ހިފުން އޮންނާނީ މިރޭ ޢިޝާނަމާދަށްފަހުގަ އެވެ. މީގެ އިތުރުން ސައޫދީ ވަލީއުލްއަހްދު ކަމުގެ މަގާމަށް ވަލީއުލްއަހްދުގެ ނައިބު ކަމުގައި ހުންނެވި މުގްރިން ބިން އަބްދުލްއަޒީޒު ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ. އޭނާއަށް ވެސް ރައްޔިތުން ބައިޢަތު ހިފުން އޮންނާނީ މިރޭ ޢިޝާނަމާދަށްފަހުގަ އެވެ.
އަވަހާރަވި ސައޫދީ ރަސްގެފާނު އަބްދުﷲ އަކީ ސައޫދީ އަރަބިޔާއަށް ތަރައްގީއާއި މަދަނިއްޔަތު ގެނައުމުގައި ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. މިހާތަނަށް ސައޫދީ އެއްވެސް ރަސްކަލެއްގެ ވެރިކަމުގައި ސައޫދީ އަރަބިޔާއަށް ނާންނަ ވަރުގެ އުމްރާނީ ތަރައްގީ އަބްދުﷲ ގެ ވެރިކަމުގައި ސައޫދީ އަރަބިޔާއަށް ވަނީ ގެންނަވާފަ އެވެ. ތަޢްލީމަށް ބަލާއިރު ވެސް އަބްދުﷲގެ ވެރިކަމުގައި އެންމެ 8 ޔުނިވަސިޓީން 24 ޔުނިވަރސިޓީއަށް މަތީ ތަޢްލީމުގެ މުއައްސަސާތައް ސައޫދީގައިވަނީ އިތުރުވެގެން ގޮސްފައެވެ. އަބްދުﷲ ރަސްގެފާނުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހުގައެވެ. (ނޫސްއެޖެންސީތައް)