08 Feb 2011, 21:06
ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި ޤާހިރާގެ މައިދާނުއްތަޙްރީރަށް މިއަދުވެސް މިލިޔަނަކަށްވުރެ ގިނަމީހުން ޖަމާވެއްޖެ ކަމަށް ޚަބަރުލިބިއްޖެއެވެ.
މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި ރައްޔިތުން ނުކުމެ މުޒާހަރާކުރަމުން ގެންދާތާ މިހާރުވަނީ ދެހަފްތާވެފައެވެ. މުޒާހަރާކުރާ މީހުން ބުނާގޮތުގައި މުބާރަކް ވެރިކަން ވައްޓާނުލައި އެމީހުންގެ އިޙްތިޖާޖްތައް ހުއްޓައެއްނުލާނެއެވެ. މުޒާހަރާކުރާމީހުންވަނީ މައިދާނުއްތަޙްރީރު ގައި ދިގުމުއްދަތަކަށް ތިބުމަށްޓަކައި ފޭލިގެތައްޖަހައި މިކަމާބެހޭ ބައެއް އިންތިޒާމްތައް ހަމަޖައްސާފައެވެ.
މުބާރަކްގެ ވެރިކަން ވައްޓާލުމަށް ޓަކައި މިސްރުގެ އެހެންރައްތަކުގައިވެސް ކުރިއެކޭ އެއްގޮތަށް މިލިޔަނުންނާއި ލައްކައިންނާ އަދި ހާހުން މިހާރުވެސް ކޮންމެދުވަހަކު ގެންދަނީ މުޒާހަރާކުރަމުންނެވެ. މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި މިސްރުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ ޒުވާނުންއިސްކޮށް ޙަރަކާތްތެރިވާ މުޒާހަރާތަކެކެވެ. މުޒާހަރާކުރާ މީހުން ބޭނުންވަނީ މުބާރަކް ވެރިކަން ދޫކޮށްލެއްވުމަށްފަހު ޤައުމުން ބޭރަށް ވަޑައިގަތުމެވެ. މުބާރަކް ގެންދަވަނީ ރައްޔިތުންގެ ބޭނުންތަކަށް ފުރަގަސްދެއްވައި ވެރިކަން ދޫކޮށްލެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. މިސްރުގެ އިދިކޮޅު ފަރާތްތަކުން މުބާރަކްގެ ސަރުކާރާއެކު ކުރި މަޝްވަރާތައްވަނީ ނާކާމިޔާބުވެފައެވެ.
އަނެއްކޮޅުން މުބާރަކްގެ ސަރުކާރުން ގެންދަނީ ގަޑުބަޑުތަކާއި މުޒާހަރާތަކާގުޅިގެން ހުއްޓިފައިވާ މިސްރުގެ ޢާންމު ޚިދްމަތްތައް އަލުން ދިނުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ބޭންކްތައް ހުޅުވައި ފުލުހުންގެ މަރުކަޒުތަކުގެ ޚިދްމަތްތައްވެސްވަނީ ދޭންފަށާފައެވެ. އަދި ފިހާރަތަކާއި ބޮޑެތި ޝޮޕިންގސެންޓަރުތައް ހުޅުވުމަށް ސަރުކާރުންގެންދަނީ ވިޔަފާރިވެރިންނަށް ބާރުއަޅަމުންނެވެ. އަދި ޓެކްސީ ގެ ޚިދްމަތްތައްވެސް މިހާރުވަނީ ފެށިފައެވެ. -- އަލްޖަޒީރާ