23 Jan 2015, 14:15
ސަންޢާ (ޖަނަވަރީ 23) މަޖްބޫރީ ހާލަތުގައި ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ހާދީގެ ގާތްބޭފުޅަކާ ޙަވާލާދީ ޔަމަންގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޙޫތީ ޖަމާއަތާއެކު މައްސަލަ ޙައްލުކުރުމަށް ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވުމުން އެހެން ގޮތެއް ނެތިގެންނެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާން ކުރައްވައި ރައީސް ހާދީ ޔަމަންގެ ޕާލަމެންޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޔަމަންގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ކަންތައްތަކުގައި ބައިވެރި ނުވުމުގެ ބޭނުމުގައި ކަމުގަ އެވެ. ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެގައުމުގެ ޙޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން ރިޔާސީ ގަނޑުވަރު ހިފައި ރައީސް ހާދީ ޙިސާރުކުރިތާ ދެ ދުވަސް ފަހު ންނެވެ.
މިދިޔަ ހަފްތާގައި ޙޫޘީ ހަނގުރާމަވެރިން ވަނީ ޔަމަންގެ ބޮޑުވަޒީރު ޚާލިދު ބަހާހްގެ ގެކޮޅުގައި އޭނާ ވެސް ޙިސާރުކޮށް ޔަމަންގެ ސަރުކާރައި ދައުލަތުގެ މުއައްސަސާތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. ރޭ އިރާކޮޅު ހާދީ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޔަމަންގެ ބޮޑުވަޒީރު ޚާލިދު ބަޙާޙް ވެސްވަނީ މަގާމުން އިސްތިއުފާ ދެއްވިކަން އިޢްލާން ކުރައްވާފަ އެވެ. ޔަމަންގެ ރައީސް ހާދީއަކީ އެގައުމުގައި ޙަރަކާތްތެރިވަމުންދާ އަލްގާއިދާ ޖަމާއަތާ ދެކޮޅަށް އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައިގާ އެމެރިކާއަށް ވަރަށް ބޮޑަށް ވާގިވެރިވެ އެހީތެރިވާ ބޭފުޅެކެވެ. އެހެންކަމުން އެމެރިކާއާ އިދިކޮޅު ޙޫޘީ ހަނގުރާމަވެރިން ޔަމަންގެ ވެރިކަމުގެ ނިޒާމަށް އަތްގަދަ ކުރުމާ އެކު ރައީސް ހާދީ މަގާމުން އިސްތިއުފާ ދެއްވުމުން އެމެރިކާގެ ޚާރިޖިއްޔާއިންވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖާން ސެކީ ވިދާޅުވީ ޔަމަންގައި ހިނގަމުންދާ ކަންތައްތައް ވަރަށްގާތުން އެމެރިކާ ބަލަމުން ގެންދާކަމުގަ އެވެ. އަދި ޔަމަންގައި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލު ކުރުމަށް އެގައުމުގެ ވާދަވެރި ފަރާތްތަކަށް އެމެރިކާ ގޮވާލާ ކަމަށްވެސް ޖާން ސެކީ ވިދާޅުވި އެވެ.
ޔަމަންގެ އަވަށްޓެރި ސައޫދީ އަރަބިޔާގެ ސަރުކާރުން ވަނީ ޔަމަންގެ ވެރިކަން ޙޫޘީ ހަނގުރާމަވެރިންގެ އަތްދަށަށް ދިޔުމަކީ އެގައުމަށް ގެނައި އިންގިލާބެއް ކަމަށް ސިފަކޮށް ސައޫދީންގެ ތާއީދުއޮތީ ރައީސް ހާދީއަށްކަން ހާމަކޮށްފަ އެވެ. ނަމަވެސް ޔަމަންގެ މައްސަލަތަކަށް ސިޔާސީ ހައްލެއް ގެނައުމަށް ގަލްފުގެ ގައުމުތަކުގެ ޖަމްޢިއްޔާ ޖީސީސީ މެދުވެރިކޮށް މަސައްކަތް ކުރާނެކަމަށް ވެސް ސައޫދީ މަސްއޫލުވެރިއަކު ވިދާޅުވި އެވެ.
ޔަމަންގެ ރައީސް ހާދީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ޙޫޘީ ޖަމާއަތުން ބުނެފައިވަނީ ޔަމަންގެ ޕާލަމެންޓްގެ ޝަރްޢިއްޔަތު އެޖަމާއަތުން ގަބޫލުނުކުރާ ކަމަށާ ޔަމަންގެ ވެރިކަން ހިންގުމަށްޓަކައި އެގައުމުގެ ސިޔާސީ ޕާޓީތަކާއި ސިފައިންގެ މުއައްސަސާއާއި ރައްޔިތުންގެ ކޮމިޓީތައް ޝާމިލްވާގޮތަށް ރިޔާސީ މަޖިލީހެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ގެންދާކަމުގައެވެ. (އަލްޖަޒީރާ)