23 Jan 2015, 13:15
އެމްޓީސީސީގެ މުވައްޒަފުންތަކެއް ވ. ފޮއްތެޔޮ އަށް ދަތުރު ގޮސް އުޅުނިކޮށް އެތަނުން އެކަކު ގެނބިގެން މަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 9:45 އެހާކަންހާ އިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ގ. ވެލެންސިއާއާގެ، އަހުމަދު އާތިފް41، އެވެ.
ފެލިދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ފައިސަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު އެމީހުން ދިޔަ ދޯނި ފޮއްތެލާ ކައިރިވެފައި ވަނިކޮށް، އޭގެ ތެރެއިން ހަތަރު މީހުން މޫދަށް ފުންމާލައިގެން ފަތާފައި ދަނިކޮށް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު މީހުން އެކުގައި މޫދަށް ފުންމާލައިގެން ފަތާފައި ދިޔައީ ރަށަށް އަރަން، އޭރު ކުރީގައި ދެ މީހުން ފަހަތުގައި ދެ މީހުން ތިބެގެން ފަތަމުން ގެންދިޔައީ. އިރުކޮޅަކުން އާތިފް ކައިރީ އޮތް މީހާ އަށް އޭނާ ވަރުބަލިވަނީއޭ ކިޔާފައި ގޮވި އަޑު އިވުނު. ދެން އިރުކޮޅަކުން އާތިފް ފަތާފައި އަންނަތަން ނުފެނިގެން ބެލިއިރު އޮތީ އޭނާ ފްލޯޓްވޭ،" އާތިފްގެ ހަށިގަނޑު ފެލިދޫ ހޮސްޕިޓަލަށް ގެންދިޔަ މީހުންނާ ހަވާލާދެއްވާ ފައިސަލް ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ހަލީމު މިއަދު ވިދާޅުވީ ފޮއްތެޔޮ އަށް ދަތުރު ގޮސް އުޅުނީ އެ އޮފީހުގެ ޑިޕާޓްމަންޓެއްގެ މުވައްޒަފުންތަކެއް ކަމަށާއި ނަމަވެސް އެއީ އެ މުވައްޒަފުން އަމިއްލަ އަށް އިންތިޒާމްކޮށްގެން ދިޔަ ދަތުރެއް ކަމަށެވެ. އޭނާގެ ހަށިގަނޑު މާލޭ ގެނައުމުގެ މަސައްކަތް އެމްޓީސީސީ އިން މިހާރު އަންނަނީ ކުރަމުންނެވެ.
"އެއީ އޮފީހުގެ ރަސްމީ ދަތުރެއް ނޫން، ނަަމަވެސް އެމްޓީސީސީގެ މުވައްޒަފެއް އެ ހާދިސާގައި ނިޔާވީ،" ހަލީމް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެމްޓީސީސީގެ މުވައްޒަފުންތަކެއް ފޮއްތެލަށް ދިއުމަށްޓަކައި އެކުންފުނީގެ ދޯންޏެއްގައި ފުރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
އެހާދިސާގައި މަރުވި އާތިފަކީ އެމްޓީސީސީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގައި ސީނިއާ ސުޕާވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. އޭނާ ވަނީ އެ ކުންފުންޏަށް 17 އަހަރު ދުވަހު ހިދުމަތްކޮށްދީފަ އެވެ.