23 Jan 2015, 11:52
ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒުގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރުން މިރޭ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިރޭ އިޝާ ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ސައުދީގެ ރަސްގެފާނު އަބްދުﷲގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވެފައިވަނީ، ސައުދީ ރަސްގެފާނު އަބްދުﷲ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރަސްކަމަށް އިސްކުރައްވާފައިވާ ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްއަޒީޒަކީ ރާއްޖެ ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް ކަމަށާއި އެ ގައުމުގެ ރަސްކަމަށް އެމަނިކުފާނު އިސްކުރެއްވުމަކީ ވަރަށް ގިނަ ގޮތް ގޮތުން ރާއްޖެއަށް ރަނގަޅުވާނެ ކަމެއް ކަމަށެވެ.

"ސަލްމާން ބިން އަބްދުލް އަޒީޒަކީ ރައީސް ޔާމީނަށް ވަރަށް ގަދަރު ކުރައްވާ ބޭފުޅެއް. އިރާދަކުރެއްވިއްޔާ ސައުދީ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ،" ޝަހީމް ވިދާޅުވެފައިވެ އެވެެ.
ސައުދީގެ ރަސްގެފާނު އަވަހާރަވީ ނިއުމޯނިޔާގެ އާލާސްކަންފުޅަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިޔާޟްގައި ހުންނަ ކިންގް އަބްދުލްޢަޒީޒް މެޑިކަލްސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު އެކެއްޖަހާ ކަންހާއިރެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.