މިހާރު ކުރިއަދާ އޭއެފްސީ އޭޝިއަން ކަޕްގައި ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޮސްޓްރޭލިއާގައި ކުރިއަށް ގެންދާ އޭޝިއަން ކަޕްގެ ސެމީން އޮސްޓްރޭލިއާ ޖާގަ ހޯދީ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި ގްރޫޕް 'ބީ'ގެ އެއްވަނަ ޓީމް ޗައިނާއާ ބައްދަލުކޮށް، 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، އެ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފްގެ ތިންވަނަ މިނެޓުގައެވެ. އޮސްޓްރޭލިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމަށް ލީޑު ހޯދަދިނީ އެ ޓީމްގެ ފޯވާޑް ޓިމް ކަހިލް އެވެ. މެޗުގެ 65 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ދެވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކަހިލް އެވެ.

އޮސްޓްރޭލިއާ މިހާރު މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފައި ވާއިރު، އަންނަ ހޯމަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރާނެ ޓީމެއް ކަށަވަރު ވާނީ މިއަދު އިރާގާއި އީރާން ބައްދަލު ކުރާ ކުއާޓާ ފައިނަލް މެޗު ނިމުމުންނެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ ގްރޫޕް 'އޭ'ގެ އެއްވަނަ ޓީމް ކަމަށްވާ ދެކުނު ކޮރެއާ މުބާރާތުގެ ސެމީން ޖާގަ ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އުޒްބަކިސްތާނާ ދެކޮޅަށް ވާދަކޮށް، 2-0 ގެ ނަތީޖާއަކުން އެ ޓީމްގެ މައްޗަށް ކުރި ހޯދައިގެނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއުރު، ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން، މެޗުގެ ނަތީޖާ ނެރެން 15 މިނެޓުގެ އިތުރު ވަގުތުގެ ދެ ހާފް ވަނީ ކުޅެފައެވެ.

ކޮރެއާއަށް މެޗުގެ ލީޑު ލިބުނީ އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު ކޮރެއާއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ މިޑްފީލްޑަރު ސޮން ހިއުންގް މިން އެވެ. އިތުރު ވަގުތުގެ ދެވަނަ ހާފްގެ އެންމެ ފަހު މިނެޓުގައި ކޮރެއާގެ ދެވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސޮން އެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ކޮރެއާއާ ދެކޮޅަށް ވާދަކުރާ ޓީމެއް އިނގިގެން ދާނީ މިއަދު ޖަޕާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ކުޅޭ މުބާރާތުގެ ދެވަނަ ކުއާޓާ ފައިނަލް ނިމުމުންނެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށި އޭއެފްސީ އޭޝިއަން ކަޕް 2015ގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމަށް 2017 ވަނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި ބައިވެރި ވުމުގެ ފުރުސަތު އޮޓަމެޓިކުން ލިބިގެން ދާނެއެވެ.