23 Jan 2015, 11:07
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ދިވެހި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސައުދީގެ ރަސްގެފާނު އަވަހަރާވުމުގެ ހިތާމައިގައި މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
ސައުދީގެ ރަސްގެފާނު އަވަހާރަވީ ނިއުމޯނިޔާގެ އާލާސްކަންފުޅަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިޔާޟްގައި ހުންނަ ކިންގް އަބްދުލްޢަޒީޒް މެޑިކަލްސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު އެކެއްޖަހާ ކަންހާއިރެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.
އެ ރަސްގެފާނު އެ ގައުމުގެ ރަސްކަމުގެ މަގާމަށް އިސްވެވަޑައިގެންފައި ވަނީ 2005 ވަނަ އަހަރު އެވެ. އޭގެކުރިން ސައޫދީ އަރަބިޔާގެ ވަލީއުލްއަހްދު ކަމުގެ މަގާމުގައި އަބްދުﷲ ދިގުމުއްދަތެއް ހޭދަކުރައްވާފައިވެ އެވެ.
އަބްދުﷲ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރަސްކަމަށް ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ އިސްވެވަޑައިގެންފަ އެވެ. އޭނާ އަށް ބައިއަތު ހިފުން އޮންނާނީ މިރޭގެ ޢިޝާނަމާދަށް ފަހުގައި ކަމަށް ވެސް ސައޫދީ ރަސްކަމުގެ ދީވާނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.