"ދީނެއް ނުވާ" ކަމަށާއި ދުނިޔެއަކީ "މަޖަލާއި އުފަލަށް" އެކަނި އުޅެންޖޭ ތަނެއް ކަމަށް ދެކެވޭ ބާތިލް ވާހަކަ ދައްކަނީ ހަމައެކަނި ހުޅަނގު މީހުން އެކަންޏެއް ނޫނެވެ. ދެކޮޅު ނުޖެހޭ އެ ވާހައަކީ ހަމައެކަނި ބިދޭސީންގެ ފިލޯސަފީއެއް ވެސް ނޫނެވެ. ހަގީގަތަކީ ސައްތައިން ސައްތަކަމަށް ބުނާ މި ރާއްޖޭގައިވެސް މި ބާތިލް ވިސްނުމުގެ އަހުލުވެރިން ގިނަ ކަމުގެ ވާހަކަ އެވެ. އެ މީހުން ސިއްރާއި ފާޅުގައި އެ ބާތިލް ވިސްނުން ގެންގުޅެމުންދާ ކަމީ ހަގީގަތެވެ.

"ދިވެހިން އިސްވެ ތިބެ ދީނާ ދެކޮޅަށް އެބަ އުޅޭ. އެފަދަ [އިސްލާމް ދީނާ ދެކޮޅު] ސީޑީތައް ވެސް ފެނިފައި އެބަ ހުރި. އެ ވިސްނުމުގެ ދިވެހިންނާ ދިމާވެފައި ވެސް އެބަ ހުރި. އެހެން ދީންތައް ފެތުރުމަށް ކުޑަކުދިންނަށް ހަދާފައި ހުންނަ ދިވެހި ލަވަ ވެސް އެބަހުރި،" އިސްލާމިކް ފައުންޑޭޝަންގެ މީޑިއާ ކޮޑިނޭޓަރު އިބްރާހިމް ފައުޒީ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދިވެހިން ހިންގާ އެކިއެކި ގްރޫޕުތަކާއި ޕޭޖްތައް ބަލައިފިނަމަ ސިއްސައިގެން ދާނެ އެވެ. އެއީ ދިވެހި ގައުމަށް ވެސް އޮތް ބިރެކެވެ. ބޮޑު ހުތުރެކެވެ. ދިވެހި ބަހުން، މާތްވެގެންވާ އިސްލާމްދީނަށާއި ރަސޫލާއަށް އެހުންނަނީ ފާޅުގައި ގޮންޖަހާފައެވެ. މިކަން އެކަންޏެއް ނޫނެވެ. ދިވެހިންގެ ތެރެއިން އެއްބަޔަކު ސީދާ ފާޅުގައި އިސްލާމްދީނަށް ގޮންޖަހައި ވާހަކަތައް ދައްކަމުންދާއިރު އަނެއް ބަޔަކު އެހެން ނުބުނެ ނަމަވެސް ކުރިއަށް ދަނީ އެ މަގުންނެވެ. ހަށިގަނޑުގެ އެކި ތަންތަނުގައި ޖަހާލާފައިވާ ޓެޓޫތަކާއި ދިރިއުޅުން ބައްޓަންކޮށްފައި ހުންނަ "ލާދީނީ" ގޮތްތައް މިކަމުގެ މިސާލަކަށް ފުދެ އެވެ. މިސްކިތެއް ނުފެންނަ ޒުވާނުންނާއި ހެޔޮ ބަހެއް އަޑު އަހަން ބޭނުން ނުވާ އެތައް ބަޔަކު އެބަ އުޅެވެ. ޒުވާނުންގެ ތެރޭގައި މިކަން އިންތިހާއަށް އިތުރެވެ. އެކި އުމުރުފުރާގައި ވެސް މިފަދަ ދިވެހިން އެބައުޅެ އެވެ. އަދަދުވެސް މަދެއް ނޫނެވެ. މިއީ ހަމަ ހުރެފައި ހިނގާ ކަންތައްތަކެއް ނޫނެވެ. މިއީ ބަޔަކު މަގުސަދެއްގައި ހިންގަމުންދާ ކަންކަމެވެ.

ސާނަވީ އާއި މަތީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ އުމުރުފުރައިގެ ކުދިންނަށް ޓާގެޓުކޮށް، އެކުދީން ދީނުން ބޭރުކުރުމަށް ރޭވިގެންވާ ޖަރީމާތަކެއް ހިންގައެވެ. މުސްލިމުންގެ އާދަކާދައަކީ މިޒަމާނަށް ފެތޭ ކަންކަން ނޫން ކަމަށް އެ ޒުވާނުންނަށް ވިސްނައިދިނުމަށެވެ. އެ އުމުރު ފުރާއަކީ ތަހުޒީބީ ކަންކަމަށް ލޯބި ކުރާ ފުރައިގެ ޒުވާނުން ހައްލުވާލަން ފަސޭހަ މަގަކަށް އެ މީހުންނަށް ވަނީ ވެފައެވެ. ހަމައެހެންމެ އަންހެނުންގެ ހައްގުތައްކަމަށް ބުނެ ފަތުރާ ދެކޮޅު ނުޖެހޭ ވާހަކަތަކަކީ އެތައް ޖިންސުއްލަތީފުން އެ މަޅީގައި ޖައްސުވާ ކަމެކެވެ.

"މަތީ ތައުލީމަށް ކިޔަވައިދޭ ބައެއް ތަންތަނުގައި އުޅޭނެ ގުރޫޕްތައް. އޭގެ ތެރެއިން ގިނަ ބަޔަކު ސައިންސްގެ ދާއިރާއިން ހެކި ދައްކައިގެން އިސްލާމް ދީނާއި ކުދިން ދުރުކުރަން މަސައްކަތް ކުރޭ. މިކަން ކުރަނީ އެތައް ދުވަހެއްގެ މަތިން ދެކެވޭ ވާހަކަތަކުން،" ދީނާއި ހިލާފު މީހުންގެ ކަންކަން ދިރާސާ ކުރާ ފަރާތަކުން ވިދާޅުވި އެވެ.

ލާދީނިއްޔަތަށް ކުދިން އެނބުރުމަށް ރާވައި ހިންގޭ ހަރަކާތްތައް ބޮޑަށް ޓާގެޓުކޮށްފައި ހުންނަނީ ތައުލީމީ ދާއިރާއިން ކަމަށް ބެލެވެ އެވެ. އެއީ ޒަމާނުންސުރެ އެކަން އޮތްގޮތެވެ. ހާއްސަކޮށް ބިދޭސީ ޓީޗަރުންގެ ފަރާތުން އެ އާދަ ފެނި ފަޅާ އަރާފައި ވެސް އެބަހުއްޓެވެ. ސްކޫލްގެ ކްލާސް ރޫމްތަކާއި ޓިއުޝަން މޭޒުތައް އެއީ ބިދޭސީ ޓީޗަރުގެ ދީން ޕްރޮމޯޓުކުރާ ސްޓޭޖްތަކަށް ވެފައި ވަނީ މަދު ފަހަރެއްގައެއް ނޫނެވެ. އާންމު ގޮތެއްގައެވެ. އޭގެ އިތުން މަތީ ތައުލީމްތަކަށް ރާއްޖެއިން ބޭރުގެ ގައުމުތަކުން ސްކޮލާޝިޕްތައް ދޭއިރު އެހެނިހެން ބާތިލު ދީންތައް ފަތުރާ ޔުނިވާސިޓީ، ކޮލެޖު ތަކުން ދިވެހިންނަށް ފުރުސަތުތައް ދޭކަން ވަނީ ފާހަގަވެފައެވެ.

ބިދޭސީން އެ މަގުސަދުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން ދާ ކަމުގެ ހެކިތައް ވެސް އެބަހުއްޓެވެ. މީގެ ދެ ތިން އަހަރު ކުރިން ތ. ކިނބިދޫ އިން ފެންމަތިވި ކަންތައްގަނޑެކެވެ. އެ ރަށަށް ގޮސް އުޅުނު "ޑޭވިޑް" ނަމަކަށް ކިޔާ ބިދޭސީއެކެވެ. ނަޞާރާ ދީން ފެތުރުމަށް އޭނާ ވަނީ އެކި ރަށްތަކުގައި މަސައްކަތް ކޮށްފައި ކަމަށްވެ އެވެ. އޭނާ ޑީޕޯޓްކޮށްލީ އެކަން ހާމަވުމާ ގުޅިގެންނެވެ. އެފަދަ އެތައް ޑޭވިޑެއް މި ރާއްޖޭގައި ހަރަކާތްތެރިވެ އެވެ. އުޅެނީ މާ ހިތްހެޔޮ ބަޔަކަށް ހެދިގެންނެވެ. އެކަމަކު ފަތުރަނީ ނުބައި ވަސްވާހެވެ.

ބަވަނަވުމުގެ ތެރެއިން ރާއްޖެ ވެސް މި ވަނީ ގުޅިލާމެހިފައެވެ. ސޯޝަލް މީޑިއާތަކާއި އިންޓަނެޓުގެ އެކި ވަސީލަތްތައް މެދުވެރިކޮށް ރާއްޖެއަށް އެހެން ދީންތައް ފަތުރަން ކުރާ މަސައްކަތަކީ ޒަމާންވީ މަސައްކަތްތަކެކެވެ. ޣައިރު ދީން ފެތުރުމަށް ފާޅުގައި ރޭޑިއޯ ޕްރޮގްރާމްތައް ވެސް އުފައްދަމުން އެބަދެ އެވެ. ޣައިރު ދީންތަކުގެ ބައެއް ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް މި މުޖުތަމައުގެ ތެރޭގައި ގެންގުޅެމުންދެ އެވެ. ސޯޝަލް މީޑިއާގައި އެކިއެކި ގްރޫޕްތަކާއި ޕޭޖްތައް ހަދައިގެން އެ ނުބައި އަމަލުތައް އިސްތިހާރު ކުރަމުން އެބަދެ އެވެ. ހިތާމައަކީ އެކަންކަން ހުއްޓުވުމަށް ނަގާ މުއްދަތު ލަސް ކަމެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް، އިލްޔާސް އަހުމަދު ވިދާޅުވި ގޮތުގައި އިސްލާމްދީނަށް ގޮންޖަހައި ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއް ފެތުރުމަށް އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރާނަމަ އެ އޮތޯރިޓީއަށް އެންގުމުން އެކަން ހުއްޓުވާނެ އެވެ. އެގޮތުން އެފަދަ މައުލޫމާތެއް ލިބޭ ފަރާތެއްވާ ނަމަ އެ އޮތީރިޓީއަށް އެންގެވުން އެދޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މީގެ ކުރިން ވެސް ވާނީ އެފަދަ ވެބްސައިޓްތައް ވެސް ހުއްޓުވާފައި. ދެން ވެސް ލިބޭ މައުލޫމާތަކަށް ބަލައި އެފަދަ ކަންކަން ހުއްޓުވާނަން،" އިސްޔާސް ވިދާޅުވި އެވެ.

މިކަންކަން މިހެން އޮތްއިރު އުފެދޭ ސުވާލަކީ ދެ ދުނިޔޭގައި ވެސް ހަލާކަކަށްވާ މި ނުރައްކާތެރި ވަބާ މިމުޖުތަމައުގައި ފެތުރެން ފުރުސަތު ދެވުނީ ކޮން ހިސާބަކުންތޯ އެވެ. ގޮތެއް ފޮތެއް ބިރެއް ލަދެއް ނެތި ބަޔަކަށް އެހެން އުޅުމަށް ދިމާވި ސަބަބުތަކެއް ވެސް އޮންނާނެ އެވެ. އެ ފުރުސަތު ހުޅުވިގެންދިޔަ "ބާގަނޑު"ތަކެއް ވެސް ފެންނާނެ އެވެ.

"ތައުލީމީ ނިޒާމްގެ ތެރެއިން ދީނުގެ ބައި ކުޑަކުރެވިފައިވުމަކީ ހަގީގީ މައްސަލަ،" އިބްރާހިމް ފައުޒީ ވިދާޅުވި އެވެ.

އެއީ ދީން ގަބޫލް ނުކުރާ މީހެއްކަން އެނގޭ ހިސާބުން ކުރަންޖެހޭ ކަމަކީ އޭނާއަށް ހަމަލާދިނުމެއްވެސް ނޫނެވެ. ބާކީކޮށްލުމެއް ވެސް ނޫނެވެ. އަދި ބޭޒާރު ކުރުމެއް ވެސް ނޫނެވެ. "އެންމެ ރަނގަޅު ގޮތަކީ އެކަހަލަ [ދީން ގަބޫލުނުކުރާ] މީހުންނަށް އެޓޭކް ނުކޮށް ސަބަބު ބަލައި ފަރުވާ ދިނުން. އަދި ހަމައެހެންމެ ތައުލީމީ މަންހަޖު އިސްލާހު ކުރަމުންދާ ދުވަސްވަރެއްގައި ދީނީ ތައުލީމް، މަންހަޖުގެ ތެރޭގައި ބޮޑަށް ހިމެނުމަށް މަސައްކަތް ކުރަންޖެހޭ،" ދީނީ އިލްމުވެރިޔާ ހަސަން މޫސާ ފިކުރީ ވިދާޅުވި އެވެ.

އެފަދަ ދީނީ މައްސަލަތަކުގައި އުފެދޭ ސުވާލުތަކަށް އެދެވޭ ޖަވާބުތައް ހޯދުމަށާއި ތައުބާވެ ހެޔޮ މަގު ހޯދުމަށް ރާއްޖޭގައި ހިންގާ އިސްލާމް ދީން ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ގުޅުމުން އެހީވެދޭނެ ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.

ދިވެހިންނަށް އެކަން ނުހުއްޓުވިގެން އުޅޭ ސަބަބަކީ ހަގީގީ މައްސަލަ ގަބޫލު ނުކުރުމެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ކިޔައިގެން ތިބެވޭކަށްނެތެވެ. މިގައުމުގައި އެހެން ދީންތަކުގެ މީހުން އުޅޭކަން ގަބޫލްކޮށް އެކަން އިސްލާހުކުރުމަށް ފިޔަވަޅުތައް އަޅަންޖެހެއެވެ. މިހާރަށްވުރެ ތައުލީމީ ދާއިރާ ހަރުދަނާ ކުރަންޖެހެއެވެ. ބިރުވެރިކަން މީހުންގެ ހިތްތަކަށް ވައްދަންޖެހެއެވެ. އެކަން ވާނީ ދީން ނައްތާލަން މަސައްކަތް ކުރާ ފަރާތްތަކަށްވުރެ އިތުރު މަސައްކަތް ކުރެވިގެންނެވެ. ނަމަވެސް އެ މަންޒަރެއް ނުފެނެއެވެ.

މި މައުލޫގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ދެއްވާފައިވާ އިންޓަވިއުތަކުގައި ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް ޒުވާނުން އިސްލާދީނުގެ ކަންތައްތަކަށް ހޭލުންތެރި ކުރުމަށް ހާއްސަ ސަމާލު ކަމެއް އެ މިނިސްޓްރީން ދީފައިވާނެއެވެ. އެގޮތުން ޒުވާނުންނަށް އިސްލާމްދީނުގެ ކަންތައްތައް އުނގަންނައި ދިނުމުގައި ސައިންޓިފިކް ގޮތްތައް ބޭނުން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު އެކަންތައްތައް ކުރުމަށް ގަސްތު ކުރަނީ ޒަމާނީ އުސޫލްތަކެއްގެ ތެރެއިން. އެގޮތުން ޒުވާނުންގެ އިސްލާމީ އަގީދާ ހަރުދަނާ ކުރުމަށް ޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނީ ސައިންޓިފިކް ހަގީގަތްތަކާ އެއްގޮތަށް،" ޑރ. ޝަހީމް ވިދާޅުވެފައިވެ އެވެ.

ތައުލީމީ އޮނިގަނޑުގެ ތެރެއިން އިސްލާމީ ތަރުބީއްޔަތުގެ ބައި ނުވަތަ އިސްލާމްދީނާއި ގުޅުން ހުރި ބައިތަކާއި އިސްލާމީ މުގައްރަރު ވަރަށް ބޮޑަށް އިސްލާޙު ކުރަން ޖެހޭ ކަމަށާއި އެ ބަދަލުތައް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށާއި އަދިވެސް ކަމާ ގުޅުން ހުރި ވުޒާރާތަކަށް އިރުޝާދު ދެއްވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވެފައިވެ އެވެ.

މިކަމަކަށް ފިޔަވަޅުތައް އަޅަން މިހާރު ވެސް މިވަނީ ލަސްވެފައެވެ. ފާޅުގައި ދީނަށް ގޮންޖަހައި ނުކުންނަމުން ދަނީ މިބުނާ މައްސަލައަށް އަޅާލުން ކުޑަވުމުގެ ސަބަބުންނެވެ. އެފަދަ ފަރާތްތަކަށް ނަސޭހަތް ވެސް ދޭންވީ އެވެ. ފިޔަވަޅުތައް ވެސް އަޅަންވީ އެވެ. އެހެން ނޫންނަމަ ކުރިއަށްއޮތްތަނުގައި އެ އާބާދީ ދާނީ ބޮޑުވަމުންނެވެ. ފުރަތަމަ ހަގީގަތް ގަބޫލް ކުރާށެވެ. ސައްތައިން ސައްތައޭ ކިޔަކަސް ނުވާނެއެވެ. އަމަލުކުރަން ހިނގާށެވެ.