ތެހެރާން : އަޑަށްވުރެ ތިންގުނަބާރަށް ދަތުރުކުރާ ބެލަސްޓިކް މިސައިލެއް އީރާނުން ތަޖްރިބާކުރާތަން އެޤައުމުގެ ޓީވީ ން ދުރަށް ދައްކައިފިއެވެ.

300 ކިލޯމީޓަރުގެ ރާސްތާގެ މިމިސައިލަކީ އެއްގަމާއި ކަނޑުގެ އަމާޒުތަކަށް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިގެންވާ އަދި ރާޑަރަށްނާރާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މިސައިލެއްކަމަށް އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް މުޙައްމަދުޢަލީ ޖަޢްފަރީ ވިދާޅުވިއެވެ. މީގެއިތުރުން މިއީ އަމިއްލައަށް އަމާޒުހޯދައިގެން ދަތުރުކުރާ ސްމާޓް ޓެކްނޮލޮޖީވެސް ހިމެނޭ މިސައިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިމިސައިލުން ޙަމަލާދެވޭނެ ކަނޑުގެ އަމާޒުތަކުގެ ތެރޭގައި ހަނގުރާމައިގެ މަނަވަރުތަކާއި ކަނޑުގެ އުޅަނދުތައް ހިމެނޭކަމަށާއި މިމިސައިލް ދަތުރުކުރާލެއް ބާރުވެފައި ރާޑަރަށް ނާރާނެތީ މިއަށް ހުރަސްއަޅަން ވަރަށް ދަތިވާނެކަމަށް ތަޖްރިބާކާރުންނާ ޙަވާލާދީ އީރާނުގެ ފާރިސް ނޫސް އެޖެންސީ ބުނެއެވެ.

މިމިސައިލްގައި 650 ކިލޯގްރާމްގެ ގޮވާތަކެތީގެ ބޮލެއް ހަރުކުރެވެއެވެ. މިމިސައިލް ފަރުމާކޮށްފައިވަނީ ހަރުފިއުލްއިން ހަކަތަހޯދާ ގޮތަށެވެ. އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ކޮމާންޑަރު ވިދާޅުވިގޮތުގައި މިއީ މީގެ ނަމޫނާ މިސައިލެއް ކަމަށްވިޔަސް މި ބާވަތުގެ މިސައިލް ގިނައަދަދަކަށް އުފެއްދުމަށް އެޤައުމުން މިހާރުވަނީ މަސައްކަތް ފަށާފައެވެ. -- ބީބީސީ