އިސްތިއުމާރުގެ ވަކިތަކުން މިއަދު ރާއްޖެ ސަލާމަތްވެފައި މިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ސަބަބުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޖަމާއަތުގައި ރޭ ކުރި ފަތިސް ނަމާދަށްފަހު "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ، މިގައުމުގައި އެހެން ދީންތައް ފެތުރިފައި ނުވާ ކަމަށާއި އަދި އެކަމަށް ޖާގައެއްވެސް ނުދެއްވާނެ ކަމަށެވެ.

"ތާރީހުގައި ރާއްޖެ ވަނީ އިސްތިއުމާރުގެ ވަކިތަކުގެ ދަށަށް ވެސް ގޮސްފައި. އެހެންނަމަވެސް ރާއްޖެ ސަލާމަތުން މިއަދާ ހަމައަށް ވެސް އައިސްފައި މިވަނީ މާތްﷲ ގެ ރަހުމަތްފުޅުން އަޅުގަނޑުގެމެންގެ ދީނާ އަގީދާގެ ސަބަބުން. އަދި ހަމައެއާއެކު މިތަނުގައި އެހެން ދީންތައް ފެތުރިފައެއްވެސް ނެތް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީން ދެކެ ލޯބިވާ އިސްލާމްދީނުގެ ކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ބައެއް ކަމަށެވެ.

"އަޅުގަނޑު މިއަދު ހުރިހާ ބޭފުޅުންނަށް ވެސް އަދި ރާއްޖޭގެ ކިޔަވާ ކުދިންނަށްވެސް ދޭން ބޭނުންވާ ނަސޭހަތަކީ އިސްލާމްދީނުގެ މަތީގައި އިސްލާމީ އަގީދާގައި ފައިތިލަ ސާބިތުކޮށް އެކަމުގައި ދެމިތިބުން،" ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގައި ރޭގެ ފަތިސް ނަމާދު އިސްވެ އިމާމުވެ ކުރެއްވީ ވެސް އިސްލާމިކް މިނިސްޓަރު ޝަހީމު އެވެ.

ފަތިސް ނަމާދަށްފަހު ކިޔަވާ ކުދިންނަށް ދެއްވި ހާއްސަ ނަސޭހަތުގެ ބަސްކޮޅެއްގައި ޝަހީމް ވަނީ ނަމާދު ކުރުމަށް ކިޔަވާ ކުދިންނަށް ބާރުއަޅުއްވާފައެވެ. އަދި ވަކިން ހާއްސަކޮށް ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފި ނަމަ އެކުއްޖަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން އެދުވަހު ލިބިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެގޮތުން ބެލެނެވެރިންވެސް ދަރިވަރުންނަށް މިފަދަ ކަންކަމަށް ބާރުއަޅުއްވާ އަޅުގަނޑުގެމެންގެ ލޮބުވެތި ދަރިވަރުންގެ ހިތްތަކުގައި މިފަދަ ލޮބުވެތި އަޅުކަމެއްގެ ލޯތްބާއި ގަދަރު އިތުރު ކުރުމަށްޓަކައި،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭ އިސްލާމްވި ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރޭގެ ފަތިސް ނަމާދުގެ ޖަމާއަތުގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ވަނީ ބައިވެރިވެފައެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ވަނީ ޖަމާއަތުގައި ފަތިސް ނަމާދު ކުރެވިގެން ގޮސްފައެވެ.