23 Jan 2015, 04:52
ރިޔާޟް (ޖަނަވަރީ 23): ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވެއްޖެ ކަމަށާއި ވަލީއުލްއަހްދު ސަލްމާން ބިން އަބްދުލްއަޒީޒް ސައޫދީ ރަސްކަމަށް އިސްވެ ވަޑައިގެންފިކަން އެ ގައުމުން އިޢްލާންކޮށްފި އެވެ.
ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ މެންދަމު އެކެއްޖެހި އިރު އަބްދުﷲ ރަސްގެފާނު ދެމިއޮތުގެ ޢާލަމަށް ދަތުރުކުރައްވައިފި ކަމަށާއި އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރު ކަމަށެވެ. އަބްދުﷲ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ ރަސްކަމަށް ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްއަޒީޒް އިސްވެވަޑައިގެންފި ކަމަށާއި އޭނާއަށް ބައިއަތު ހިފުން އޮންނާނީ މިއަދުގެ ޢިޝާނަމާދަށް ފަހުގައި ކަމަށް ވެސް ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސައޫދީ ވަލީއުލްއަހްދު ކަމުގެ މަގާމަށް ވަލީއުލްއަހްދުގެ ނައިބު ކަމުގައި ހުންނެވި މުގްރިން ބިން އަބްދުލްއަޒީޒް އައްޔަން ކުރެއްވިކަން ވެސް ސައޫދީ ރަސްކަމުގެ ދީވާނުން ބުނެފައިވެ އެވެ. އޭނާއަށް ބައިއަތު ހިފުން ވެސް އޮންނާނީ މިރޭ ޢިޝާނަމާދަށްފަހުގައެވެ.
އަބްދުﷲ ރަސްގެފާނު އަވަހާރަވެފައި ވަނީ ނިއުމޯނިޔާގެ އާލާސްކަންފުޅަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިޔާޟްގައި ހުންނަ ކިންގް އަބްދުލްޢަޒީޒް މެޑިކަލްސިޓީގެ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތިކޮށްފައިވަނިކޮށެވެ.
ރަސްގެފާނު އެ ގައުމުގެ ރަސްކަމުގެ މަގާމަށް އިސްވެވަޑައިގެންފައި ވަނީ ދެހާސް ފަސްވަނަ އަހަރުއެވެ. އޭގެކުރިން ސައޫދީ އަރަބިޔާގެ ވަލީއުލްއަހްދު ކަމުގެ މަގާމުގައި އަބްދުﷲ ދިގުމުއްދަތެއް ހޭދަކުރައްވާފައިވެއެވެ.
ސައޫދީ ވިރާޘީ ރަސްކަމުގެ ނިޒާމް އޮންނަގޮތުން އެގައުމުގެ ރަސްކަމަށް އިސްވެ ވަޑައިގަންނަވަނީ ސައޫދީ ދައުލަތުގެ ބާނީ ކިންގް އަބްދުލްއަޒީޒް އާލް ސައޫދު ގެ ފިރިހެން ދަރިންނެވެ. (އަލްޖަޒީރާ)