23 Jan 2015, 01:54
ޕީޕަލްސް ކަޕްގައި މިރޭ ޕީޑީއާރްއެމްއާ ދެކޮޅަށް ނިއުރޭޑިއެންޓް ކުޅުނުމެޗުގައި، ކުޅެން ރޭވި ގޮތަށް ކުޅުންތެރިން ކުޅެފައި ނުވާކަމަށް ނިއުރޭޑިއެންޓުގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފި އެވެ.
މިރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މިކާ ބުނީ، މެޗުގައި ކުޅެން ރޭވި ގޮތަށް ކުޅުންތެރިން ކުޅެފައި ވަނީ ފުރަތަމަ 10 މިނެޓުގައި އެކަނި ކަމަށެވެ. އަދި އެއަށްފަހު ކުރިއަށް ކުޅުނު ކުޅުންތެރިންގެ އޯގަނައިޒޭޝަން އެހާ ރަނގަޅު ނޫން ކަމަށާއި، ނަމަވެސް ޓީމްގެ ޑިފެންސުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށް މިކާ ބުންޏެވެ.
"މެޗުގެ ފުރަތަމަ 10 މިނެޓުގައި ކުޅުންތެރިން ދައްކާފައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް. އެއަށްފަހު ކުރިއަށް ކުޅުނު ކުޅުންތެރިން ކުޅެފައި ވަނީ ކުޅެން ރޭވި ޓެކްޓިކްސްއާ އެއްގޮތަކަށް ނޫން. ނަމަވެސް ޓީމްގެ ޑިފެންސަށް ކުޅުނު ކުޅުންތެރިން ވަރަށް ޕްރޮފެޝަނަލް. ދެން އޮތް މެޗަށް ޑިފެންސުގައި ކުޅުންތެރިން މަދު ކުރަންވެސް ވިސްނަން،" މިކާ ބުންޏެވެ.
މިކާ ބުނީ ދެވަނަ ހާފްގައިވެސް ޓީމްގެ އެޓިޓިއުޑް އެހާ ރަނގަޅު ނޫން ކަމަށާއި، ދެވަނަ ހާފްގައިވެސް ޑިފެންސް ރަނގަޅު ކަމަށެވެ. ނަމަވެސް ދެވަނަ ހާފްގައި ޑިފެންސްގައިވެސް ހުސް ތަންތަން ހުރި ކަމަށާއި، މި މެޗަކީ ޓެކްޓިކްސްއަށް ބަލާއިރު ނިއުގެ އެންމެ ރަނގަޅު މެޗު ނޫން ކަމަށްވެސް މިކާ ބުންޏެވެ. އޭގެ އިތުރުން މިކާ ވަނީ ޕީޑީއާރްއެމް މެޗުގައި ގެންގުޅުނު ޓެކްޓިކްސްއަށްވެސް އަލި އަޅުވާލާފައެވެ.
"މެޗުގައި ޕީޑީއާރްއެމް ކުޅުނީ ވަރަށް ޑައިރެކްޓް ފުޓްބޯޅައެއް. އެ ޓީމް ކުޅުނީ ކުރީގައި މުހިންމު ދެ ކުޅުންތެރިއެއް ބައިތިއްބައިގެން އެހެން ކުޅުންތެރީން އެ ދެ ކުޅުންތެރިންނަށް ސަޕޯޓް ދޭ ގޮތަށް. އަދި އެ މީހުންގެ އޯގަނައިޒޭޝަންވެސް ރަނގަޅު. ނަމަވެސް ދެވަނަ ހާފްގައި ނިއުގެ ކުޅުންތެރިންގެ އެޓިޓިއުޑް އެހާ ރަނގަޅެއް ނޫން. ދެވަނަ ހާފްގައިވެސް ޑިފެންސް ރަނގަޅު، ނަމަވެސް ޑިފެންސްގައި ހުސްތަންތަން ހުރިކަން ފާހަގަ ކުރެވުނު،" މިކާ ބުންޏެވެ.
ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަ ދައްކަމުން މިކާ ބުނީ މި މެޗުގައި އެ ޓީމްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ނެތް ތަން ދެއްކި ކަމަށާއި، ނިއުއަށް މިފަހަރު ގުޅިފައިވާ އާ ކުޅުންތެރިން ޓީމުގެ ކުޅުންގަނޑަށް ހޭނެން އަދި ވަގުތު ނަގާނެ ކަމަށެވެ. އަދި މިރޭގެ ނާކާމިޔާބީއަކީ ނިއުގެ ކޯޗުކަމާއި އެނާ ހަވާލުވުމަށް ފަހު، "މެޗުގެ 90 މިނެޓު ހަމަވިއިރު ބަލިވި ފުރަތަމަ މެޗު" ކަންވެސް މިކާ ވަނީ ފާހަގަ ކޮށްފައެވެ.