23 Jan 2015, 01:01
ޕީޕަލްސް ކަޕްގައި މިރޭ ނިއުރޭޑިއެންޓާ ވާދަކޮށް، 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރެވުމުން އެ ކާމިޔާބީ ހާއްސަކުރާނީ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އަށް ކަމަށް ޕީޑީއާރްއެމްގެ ކޯޗް އަޒްމާން އަދުނާން ބުނެފި އެވެ.
އަޒްމާން ބުނީ މިރޭގެ މެޗުގައި ޕީޑީއާރްއެމްގެ ކުޅުންތެރިން ދަނޑުމަތީގައި ދެއްކުނު އެންމެ ރަނގަޅު ޕާފޯމެންސެއް ދެއްކީ ދަގަނޑޭ ދަނޑުމަތީގައި ހުރުމުން ކަމަށެވެ. އަދި އަޝްފާގަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި، މެސީގެ ހުންނަ ފަދަ ޖާދޫ އަޝްފާގުގެވެސް ހުންނަ ކަމަށް ފައުޒީ ބުންޏެވެ.
"މި ކާމިޔާބީ ހާއްސަ ކުރަން ބޭނުމީ އަޝްފާގަށް. އޭނާއަކީ ބްރިލިއެންޓް ކުޅުންތެރިއެއް. ދަނޑު މަތީގައި ކުޅުންތެރިން މިރޭ އެ މީހުންގެ އެންމެ ރަނގަޅު ކުޅުން ދައްކާފައި ވަނީ ދަގަނޑޭގެ ސަބަބުން. އޭނާއަކީ ޖާދުލެއް ފަދަ ކުޅުންތެރިއެއް. ދަނޑުމަތީގައި އޭނާ ހުރުމުންވެސް ކުޅުންތެރިންނަށް އިތުރު ކޮންފިޑެންސެއް ލިބިގެން ދޭ. ބާސެލޯނާއަށް މެސީ މުހިންމުވާ ފަދައިން، އަޝްފާގަކީ މި ޓީމްގެ މެސީ،" އޭނާ ބުންޏެވެ.
ފައުޒީ ބުނީ މިރޭގެ މެޗުގައި ޕީޑީއާރްއެމް އާ ދެކޮޅަށް ކުޅުނު ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ނަމަވެސް އެ ޓީމާ ދެކޮޅަށް މިރޭ ޕީޑީއާރްއެމްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިރޭގެ ކާމިޔާބީއަކީ އެހާ ބޮޑު ކާމިޔާބީއެއް ކަމަށް ނުބަލާ ކަމަށާއި، މި މުބާރާތަކީ އަންނަ މަހު ފެށޭ ލީގަށް ތައްޔަރުވުމުގެ ގޮތުން ކުޅޭ މުބާރާތެއް ކަމަށްވެސް އޭނާ ބުންޏެވެ.
"ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް. އެ ޓީމަކީ ކޮންމެ އާންމުކޮށް އޭއެފްސީގހައި ވާދަކުރާ ޓީމެއް. ޕީޑީއާރްއެމް އަދި އޭއެފްސީ އަކު ވާދައެއް ނުކުރަން. އޭގެ އިތުރުން، އެއްވެސް ޓްރެއިނިން އަކާ ނުލާ މި މެޗަށް ނިކުތުމުން ކޮންމެވެސް ވަރަކަށް އުނދަގު ވި،" ފައުޒީ ބުންޏެވެ.
ކުރިއަށް ކުޅެން އޮތް މެޗާ ބެހޭގޮތުން ސުވާލުކުރުމުން ފައުޒީ ބުނީ އެ މެޗަކީވެސް ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، މިރޭގެ މެޗުގައި ޕީޑީއާރްއެމްގެ ދެ ތިން ކުޅުންތެރިންނަށް އަނިޔާތަކެއް ލިބިފައި ވުމުން، އަންނަ މެޗަށް ބަދަލުތަކެއް ފެނިގެން ދިޔުން އެކަށީގެން ވާކަމަށެވެ.
ޕީޕަލްސް ކަޕްގައި ޕީޑީއާރްއެމް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ޓީމް ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.