އަންހެނުންނާ މުސްކުޅިން އަދި ކުޑަކުދިން ގަތުލު ކުރަމުން އަންނަ "މަޒްހަބީ ހަނގުރާމަތަކުގައި" ބައިވެރިނުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ގޮވާލައްވައިފި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އެފަދަ ހަނގުރާމަތަކުން ދުރުހެލިވާންޖެހޭ ކަމަށެވެ. އެފަދަ ކަންކަމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެފަދަ މަޒްހަބީ ހަނގުރާމަތަކުން ހުރިހާ މުސްލިމު ޒުވާނުން ދުރުހެލިވުމަށް ޝަހީމް މިރޭ ވަނީ ގޮވާލައްވާފައި އެވެ.

"ނުހައްގުން ލޭ އޮހޮރުވާލުމަކީ އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެއް. ފަހެ މުސްލިމުންނާ މުސްލިމުންނާ ދެމެދު ވެސް އޮންނަން ޖެހޭނީ އުހުއްވަތްތެރިކަމުގެ މަތިވެރި ގުޅުމެއް. މުސްލިމުންނާ ޢައިރު މުސްލިމުންނާ ވެސް އޮންނަން ޖެހޭނީ ސުލްހަވެރިކަމުގެ ގުޅުން. ސުލްހަވެރިކަމުގެ ތަރަހައިގެ އުޅޭ އެންމެހާ މީސްތަކުންނާ އެއީ ކޮންމެ ދީނެއްގެ މީހެއް ކަމުގައި ވިއަސް މުސްލިމުން ބާއްވަން ޖެހޭނީ ސުލްހަވެރިކަމުގެ ގުޅުން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އަދާވާތްތެރިކަން އިސްކުރުމަކީ މުސްލިމުންގެ މަތިވެރި ރިސާލަތާ ފުށުއަރާ ކަމެއް ކަމަށެވެ. އިސްލާމް ދީނަކީ އުފާވެރިކަމުގެ ހަބަރުތައް ކުރިއަރުވައި ދީނެއް ކަމަށާއި ދަތި އުނދަގޫ ކަމުން މީސްތަކުން ސަލާމަތް ކުރާ ދީނެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އިސްލާމްދީނަށް ގޮންޖެހުމުގެ ގޮތުންނާއި މުސްލިމުންނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސޫލާއަށް ފުރައްސާރަކޮށް ޖެއްސުން ކުރަމުންދާކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އެފަދަ ކަންކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މި ސަރުކާރުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިކަން ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޔާން ނެރުއްވިކަމީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝަހީމް ވިދާޅުވި އެވެ.

އެއްވެސް ދީނެއްގެ އަޅުކަން ކުރާ ތަކެއްޗަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ އިސްލާމްދީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ އެފަދަ ކަންކަން ކުރުމަކީ އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެއް ކަމަށެވެ.

"މިހެން މިކަން އޮތް ހިނދުގައި ވެސް، ހުއްޖަތާއި ބުރުހާނުގެ އަލީގައި ހިކުމަތާ ރިވެތި ވައުޒުތަކާއެކު ފުރައްސާރަ އަކަށް ނުވާ ގޮތަށް ﷲގެ އެއްކައުވަންތަކަމާއި އިސްލާމްދީނުގެ ހައްގުވަންތަކަން ސާބިތުކޮށްދިނުމަށް ބަހުސްކުރުމަށް އިސްލާމްދީން ވަނީ ގޮވާލާފައި،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މުސްލިމުންގެ ގޮތުގައި ދިވެހިން ލެއްވިކަމީ މާތްﷲ ދެއްވި ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. އަދި ހަމައެއާއެކު އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިއާދަތު ރައްކާތެރިވެފަ އޮތުމުގެ އެންމެ ބޮޑު ސިއްރު ކަމަށް ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އަސާސަކީ އިސްލާމްދީން ކަމަށާއި އަދި ދިވެހި ގައުމުގެ ޝަރަފަކީ ވެސް އިސްލާމްދީން ކަމަށެވެ.