ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ނަހަމަ ގޮތުގައި ހޯދާފައި ހުރި އެތައް ބިލިއަން ޑޮލަރެއް ބޭރުގައި ރައްކާކޮށްފައިވާ ކަމަށް ބުނެ އެ ފައިސާތައް ހޯދުމުގެ މަސައްކަތް އާ ސަރުކާރުން ފައްޓައިފި އެވެ.

އޭއެފްޕީ އިން މިއަދު ބުނީ ވޯލްޑް ބޭންކާއި އައިއެމްއެފުން އެކަމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އާ ސަރުކާރުންދީފައިވާ ކަމަށެވެ. އަދި ބުނީ މަހިންދާ ރާޖަޕަކްސާ ސްރީލަންކާގައި ވެރިކަން ކުރެއްވި 10 ވަރަކަށް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ބޭރަށް ގެންގޮސް ފޮރުވާފައިވާ ކަމަށް އާ ސަރުކާރުން ތުހުމަތު ކުރާ ކަމަށެވެ.

މައިތިރި ޕާލާ ސިރިސޭނާ އާއި ރަނިލް ވިކްރަމަސިންހާގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓް ޖަލްސާ އިއްޔެ ވަނީ ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމުން ނިންމީ އިންޑިއާގެ ސެންޓްރަލް ބޭންކާއި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ ފޮރެންސެކް ތަޖުރިބާކާރުންގެ އެހީއާ އެކު ބޭރުގައި ރާޖަޕަކްސާ ރައްކާކޮށްފައި ހުރި ފައިސާތައް ހޯދުމަށެވެ.

ލަންކާގެ ހެލްތު މިނިސްޓަރު އަދި ކެބިނެޓް މިނިސްޓަރު ރަޖިތާ ސެނެރަތުނާ ވިދާޅުވެފައި ވަނީ ރާޖަޕަކްސާ އެތައް ބިލިއަން ޑޮލަރަކަށް ހިޔާނާތްވެ، އެ ފައިސާ ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެ ފައިސާ އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފައްޓާފައިވާ ކަމަށެވެ.

ސްރީލަންކާގެ އެންޓި ގްރާފްޓް ގާނޫނުގެ ދަށުން އަދި ހިޔާނާތުގެ މައްސަލަތަކެއް ބަލަމުންދާތީ މިހާރު ވެސް ވަނީ ބައެއް މީހުން ގައުމުން ފުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސެންޓްރަލް ބޭންކްގެ ކުރީގެ ގަވަރުނަރު ނިވާލު ކަބްރާލާއި ރާޖަޕަކްސާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ، ސަޖިން ވާސް ގްނަވަރުދަނާ ހިމެނެ އެވެ.

ލޯކަލް ޔުނިވަސިޓީގެ ވަގުތީ ހޯދުންތަކާ ހަވާލާދީ އެނާޖީ މިނިސްޓަރު ޗަމްޕިކާ ރަނަވޮކާ ވިދާޅުވެފައި ވަނީ މަގުތައް ހެދުމަށް 2013 ވަނަ އަހަރު 1.5 ބިލިއަން ޑޮލަރު ހަރަދު ކުރި ކަމަށާއި އަދި ހައިވޭތައް ހެދުމުގެ މަސްއޫލިއްޔަތު އަދާކުރި މިނިސްޓްރީ ސީދާ ބެލެހެއްޓެވީ ރާޖަޕަކްސާ ކަމަށެވެ.

ރަނަވޮކާ ވިދާޅުވެފައި ވަނީ ގައުމީ ބަޖެޓްގެ 70 ޕަސެންޓް ކޮންޓްރޯލް ކުރީ ރާޖަޕަކްސާ އާއި އޭނާގެ އާއިލާ އިން ކަމަށާއި މުޅި އިގްތިސާދުގެ ތެރެއިން 5.38 ބިލިއަން ޑޮލަރު ދަވާލާފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސްގެ ފަސާދައިގެކަންކަން ބަލައި އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ވައުދާ އެކު އެވެ.

ރާޖަޕަކްސާގެ ސަރުކާރުގައި ފައިނޭންސް މިނިސްޓްރީ އާއި ހައިވޭ އަދި ޕޯޓް މިނިސްޓްރީ ސީދާ ބެލެހެއްޓެވީ ރާޖަޕަކްސާ އެވެ. އަދި ދެން ވެސް ހުރި ހުރިހާ ބާރުގަދަ އިދާރާތައް ބެލެހެއްޓެވީ ރާޖަޕަކްސާގެ އާއިލާގެ ބޭފުޅުންންނެވެ.