މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ޖާވާކަނޑަށް ވެއްޓުނު މަތިންދާބޯޓް ކިއުޒެޑް 8501 ވެއްޓެން ދިޔަ އިރު އެބޯޓުގެ ތެރެއިން އެލާމް އަޅަމުން ދިޔަ ކަން ކޮކްޕިޓް ވޮއިސް ރެކޯޑަރުގައިވާ އަޑުތައް އެހުމުން އެނގިއްޖެ އެވެ.

އޭޖެންސެ ފްރާންސް ޕްރެސް ( އޭއެފްޕީ) އާ ވާހަކަ ދެއްކި ނަން ހާމަ ނުކުރާ އޮފިޝަލަކު ބުނި ކަމަށް އެ އެޖެންސީ ބުނީ ކަނޑަށް ވެއްޓުމުގެ ކުރިން ހަމައަކަށް އެޅުވޭތޯ ޕައިލެޓުން މަސައްކަތް ކުރަމުން ދިޔަ އިރު އިންޒާރުގެ އެލާމްގެ އަޑު އިވެމުން ދިޔަ ކަމަށެވެ.


އެގޮތުން ވަރަށް ގިނަ އެލާމްތަކެއްގެ އަޑު ކޮކްޕިޓް ވޮއިސް ރެކޯޑަރުގައިވާ ރެކޯޑިން އިން އިވޭ ކަމަށާއި އޭގެ ތެރޭގައި މަތިންދާބޯޓް ހުއްޓެން އުޅޭތީ އަޅާ އެލާމްގެ އަޑު ވެސް ހިމެނޭ ކަމަށް އޮފިޝަލް ބުނެފައިވެ އެވެ. ނަމަވެސް ބައެއް ފަހަރު އެ އެލާމްތައް ހުއްޓުނު ކަން ވެސް ރެކޯޑިން އިން ވަނީ ފާހަގަ ވެފައެވެ.

މިވާހަކަ އާއްމުވެފައި މިވަނީ ބޯޓް ވައިގެ ތެރޭގައި ހުއްޓި، ކަނޑަށް ވެއްޓުމުގެ ކުރިން، އާދަޔާ ހިލާފު ބާރު ދުވެއްޔެއްގައި މައްޗަށް އަރާފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އިގްނޭސިއަސް ޖޯނަން ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

އެއާއޭޝިއާގެ އެ މަތިންދާބޯޓް އިންޑޮނޭޝިއާގެ ސުރަބަޔާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަނިކޮށް ކަނޑަށް ވެއްޓުނު ހާދިސާގައި އެބޯޓުން ދަތުރުކުރި 162 މީހުން ވަނީ މަރުވެފަ އެވެ.