އިސްލާމްދީނަށް އަހުލުވެރި މުޖުތަމައުއެއް ބިނާ ކުރަން އިގްތިސާދަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު އަދީބު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ދިވެހި ގައުމު ކުރިއަރަންވާނީ އިސްލާމްދީނުގެ "ރީތި އިންތަކުގެ" ތެރޭގައި ކަމަށެވެ. ތައުލީމީ ދާއިރާއަށް އާ މަންހަޖެއް ތައާރަފްކޮށް، ރާއްޖޭގެ ސުކޫލުތަކުގައި އަރަބި ބަސް ކިޔަވާ ދިނުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ އެފަދަ ހުރިހާ ކަމަކަށް ބޭނުން ވަނީ ފައިސާ ކަމަށެވެ.

"ކުއްލިއްޔާ މިއަހަރު އިސްލާމީ ޔުނިވާސިޓީ އަކަށް ބަދަލުކުރުމުގެ މަޝްރޫއު އެ ދަނީ ކުރިއަށް. ތައުލީމީ މަންހަޖާއި އަރަބި ބަސްކިޔަވާ ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން މި ވަނީ ނިންމާފައި. މި ހުރިހާ ކަމަކަށް ވެސް ބޭނުންވަނީ ފައިސާ. މުދައްރިސުން ތަމްރީނު ކުރުމަށް ފައިސާ ބޭނުންވޭ. ބަންގި ގޮވާ މީހާއަށް އެކަމަށް ވަގުތު ހުސްކުރެވެނީ އެ މަސައްކަތަށް ފައިސާ ލިބޭނަމަ. މުދައްރިސަށް ކިޔަވާދޭ ކޮންމެ ދުވަހަކު މަދަރުސާއަށް ވަޑައިގަނެވޭނީ ރަނގަޅު މުސާރައެއް ލިބޭނެ،" އަދީބުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް ކުރާ އުއްމީދު ބިނާވެފައި ވަނީ ހަރުދަނާ އިގްތިސާދަކަށް ކަމަށެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި ގައުމުގައި އެއްބައިވަންތަކަމާއި އަމާންކަން ބޭނުންވާ ކަމަށެވެ.

"ދިވެހިރާއްޖެ މިއޮތީ ބަވަނަވަމުންދާ ދުނިޔެއެއްގައި. ދުނިޔެއަށް ބަދަލުތަކެއް އެބަ އާދޭ. ހާއްސަކޮށް ފުޅާވަމުންދާ އިގްތިސާދާ ވިޔަފާރިއާ ގުޅިގެން އިންސާނީ ލާމެހުން އަންނަނީ ބޮޑުވެގެން މިފަދަ ދުނިޔެއެއްގައި ތަހުޒީބު ގޮތެއްގައި ދިރިއުޅެން އަޅުގަނޑުމެން ދަސްކުރަންޖެހޭނެ. ފަހަރުގައި ދުނިޔޭގެ ބައެއް ތަންތަނަކީ މުސްލިމުންނަށް އެންމެ އަމާން ތަންތަން ކަމުގައި ނުވެދާނެ. ނަމަވެސް އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން،" އަދީބު ވިދާޅުވި އެވެ.

އަމިއްލަ ގައުމީ ފުދުންތެރިކަމެއް ގައުމުގައި ވެސް އޮންނަންޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ. މިނިސްޓަރު އަދީބު ވިދާޅުވީ ގައުމީ ފުދުންތެރިކަމެއް ގައުމުގައި އޮންނަންޖެހޭ ސަބަބަކީ މިނިވަންކަމާއެކު ދީނުގައި ސާބިތުވެ ތިބުމަށް ކަމަށެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދީ އެ ކުދިންނަށް ރަނގަޅު ބިންގަލެއް އެޅޭނީ ގައުމަކީ ފުދުންތެރި ގައުމެއްގެ ގޮތުގައި އޮވެގެން ކަމަށް އަދީބު ވިދާޅުވި އެވެ.

"ވީމާ އަޅުގަނޑުގެ އިލްތިމާސަކީ މީލާދުން 1153 ވަނަ އަހަރުގައި ރާއްޖެ އިސްލާމްވީންސުރެއް ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުން. އެތެރެއިންވެސް ބޭރުންވެސް ދިވެހިންގެ ސަފުތައް ރޫޅާލުމަށް ޖާގަ ނުދިނުން. މި ސަރުކާރުގައި ކުރެހިފައިވާ ސާފު އަމާޒުގެ ޗާޓެއް އެބައޮތް. މަންޒިލަށް މަގުސަދަށް ވާސިލްވެވޭނީ އަޅުގަނޑުމެން ސާބިތުވެ ތިބެގެން،" އަދީބު ވިދާޅުވި އެވެ.