ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓުމަންޓުން "ހަތިޔާރު" ފެނުން ކަމަށް ބުނާ މައްސަލާގައި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާއެކު މަސައްކަތް ކުރެއްވުމަށް ކުރީގެ ޕޮލިސް ކޮމިޝަނާ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހަޅުއްވައިފި އެވެ.

ރިޔާޒު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނާޒިމްގެ ގާނޫނީ ޓީމާއެކު މަސައްކަތް ކުރުމަށް ބޭނުންފުޅޫވާ ކަމަށާއި ކުރީގެ އެޓާނީ ޖެނެރަލް އައިޝަތު އާޒިމާ ޝަކޫރާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށެވެ.




އެކަމާއި ގުޅޭ ގޮތުން ރިޔާޒަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭ ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

ނާޒިމްގެ ވަކީލުންގެ ޓީމް، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އިސްވެ ހުންނަވާ އެވަންޓް ގާޑް ލޯޔާސް އިން، މިއަދު ނެރުނު ބަޔާނުގައި ބުނީ ނާޒިމު ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރަކީ އޭނާ އާއި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށެވެ.

ނާޒިމް މަގާމުން ވަކިކުރައްވާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:15 އެހާކަންހާއިރު ފުލުހުން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެމަނިކުފާނުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި ފަހުން ފުލުހުން ބުނީ އެ ގެ އިން ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށާއި އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމު ވިދާޅުވެފައި ވަނީ ފުލުހުންގެ ތަހުގީގަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.