08 Feb 2011, 20:43
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، އޮމާންކަމާއި އަމާންކަމާއެކު ކުރިއަށް ގެންދެވުމުގައި، މިނިވަން މުއައްސަސާތަކުން އަދާކޮށްދެއްވި ދައުރު ފާހަގަކުރައްވައި އެ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގެވުމުގައި، އެންމެ މުހިންމު ޚިދްމަތްތަކެއް، ކުރިމަގުގައި ކުރައްވާނެ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، އަދި ރަށު ކައުންސިލްތަކުގެ އިންތިޚާބުގެ ކަންތައްތަކާމެދު ބޮޑު ހަމަނުޖެހުމެއް މެދުވެރިވިޔަ ނުދިނުމަށް މިނިވަން މުއައްސަސާތަކުން ކުރި މަސައްކަތްތައް ރައީސް ފާހަގަކުރައްވާ ކަމަށެވެ.
ބޮޑެތި މައްސަލަތަކެއް ނުޖެހި، އިންތިޚާބުގެ ކަންތައް އޮމާންކަމާއެކު ކުރިއަށް ދިޔައީ، އިލެކްޝަންސް ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، އަދި ބޮޑު ދެ ސިޔާސީ ޕާޓީގެ ވެރިންނާއި، އެންމެ މެންބަރުންނާއި، ޤައުމީ އިދާރާތަކާއި، އަދި ކަމާ ގުޅުންހުރި އަމިއްލަ ޖަމާޢަތްތަކުން ޚާއްޞަ ގޮތެއްގައި ކުރައްވާފައިވާ އެކި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ވެސް ބުނެފައި ވެއެވެ.