22 Jan 2015, 21:34
ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް މަސައްކަތްތައް ކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން މިރޭ އާންމު ކުރެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް ކުރާ މަަސައްކަތްތަކާ ދޭތެރޭ ވިސްނައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާ ކަމަށެވެ.
"ހަމައެޔާއެކު، ބޭރުން ރާއްޖެއަށް އަންނަ ނޭދެވޭ، ދީނާ ހިލާފު އެކިއެކި ނުފޫޒުތަކާ ދޭތެރޭގައި ވިސްނަވައި، އަޅުގަނޑުމެންގެ ދީނީ އަޤީދާ ބަލިކަށިކޮށްލުމަށާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެއްވެސް ފުރުސަތެއް ނުދެއްވުމަށް ވެސް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާން ވިދާޅުވެފައި ވަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށާއި ދީނީ ފަރުޟުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން ހަނދާނަށް ގެންނަން ޖެހޭއިރު ޅަދަރިންގެ ހިތްތަކުގަޔާއި ޒުވާނުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަންވާ ލޯތްބާއި އިޙްތިރާމް އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ މުހިންމު ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކަމާބެހޭ އެންމެހައި މުއައްސަސާތަކުން އެކި އުމުރުފުރާއަށް އަމާޒުކުރައްވައި ދީނީ ޕްރޮގްރާމްތަކެއް ހިންގަވައި ދެއްވުމަށް މި މުނާސަބަތުގައި ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިއުމަތަކީ، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ލެހެއްޓުން، ހަމައެހެންމެ، އެ ދީނުގެ މަތިވެރި އަޤީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ދީނީ އަދި ޤައުމީ ވާޖިބެއް، އެހެންކަމާއެކު، މި ވާޖިބު ފުރިހަމައަށް އަދާކުރުމަށް ޢަޒުމު ކަނޑައެޅުއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އިސްލާމްދީނުގެ މަތިވެރި ނޫރު ރާއްޖެއަށް ގެނެސްދެއްވުމުގައި މާތްﷲ މެދުވެރިކުރެއްވި ފަރާތްތަކަކާއި ހާއްސަގޮތެއްގައި މައުލާނާ އަލްޙާފިޡު އަބުލްބަރަކާތު ޔޫސުފުލްބަރުބަރީގެ ޒިކުރާ އާކުރައްވާފައިވެއެވެ.