22 Jan 2015, 21:07
ޕީޕަލްސް ކަޕުގައި މިއަދު ކުޅުނު މެޗުން ސިންގަޕޫރު ލަޔަންސްގެ ޒުވާން ޓީމު މާޒިޔާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވުމުން، އެ ޓީމްގެ ކޯޗު ފާންދީ އަހުމަދު މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދަށް ތައުރީފު ކޮށްފި އެވެ.
ފާންދީ ބުނީ މާޒިޔާގެ ޝުކުރު އެ ޓީމްގެ ގޯލް ކީޕަރަށް ހައްގުވާ ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ލަޔަންސް އުފެއްދި ރަނގަޅު ޝޮޓުތަކުން ސްކޯ ނުކުރެވުނީ އިމްރާންގެ ސަބަބުން ކަމަށާއި، މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން ވަރަށް ދެރަވާ ކަމަށް ފާންދީ ބުންޏެވެ.
"މާޒިޔާ އެ ޓީމްގެ ގޯލް ކީޕަރަށް ޝުކުރު އަދާ ކުރަން ޖެހޭ. އޭނާ ވަނީ މެޗުގައި އަހަރުމެއް އުފެއްދި ރަނގަޅު ހަމަލާތަކެއް މަތަކޮށްފަ. މި މެޗުން ބަލިވުމުން ވަރަށް ދެރަވޭ. މެޗުގައި ރަނގަޅަށް ކުޅުނީ އަހަރުމެން. އަދި މެޗު ކޮންޓްރޯލްކޮށް، މެޗުގައި ރަނގަޅު ހަމަލާތަކެއް އުފެއްދީވެސް އަހަރުމެން. މި ބައްޔަކީ އަހަރުމެނަށް ހައްގު ބައްޔެއް ނޫން،" ފާންދީ ބުންޏެވެ.
ފާންދީ ބުނީ މެޗުގައި ލަޔަންސްގެ ފަރާތުން މާޒިޔާއަށް މާ ގިނައިން ކޯނަރު ދޫކުރެވިފައިވާ ކަމަށާއި، އޭގެ އިތުރުން ނުރައްކާތެރި ހިސާބުތަކުން ލަޔަންސްއަށް މާ ގިނަ ހިލޭ ޖެހުންތައް ދެވިފައިވާ ކަމަށެވެ. އަދި މިފަހަރު ލަޔަންސްގައި އޮތް ސްކޮޑަކީ ވަރަށް އުމުރުން ހަގު ސްކޮޑެއް ކަމަށާއި، އެ ޓީމްގެ ގިނަ ކުޅުންތެރިންނަކީ އާ ކުޅުންތެރިން ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
"މެޗުގައި މާޒިޔާއަށް މާ ގިނަ ކޯނާ ކިކުތައް ދެވުނީ، އޭގެ އިތުރުން ނުރައްކާތެރި ހިސާބުތަކުން މާޒިޔާއަށް ހިލޭ ޖެހުންވެސް މާ ގިނައިން ދޫކުރެވުނު. އަދި މެޗުގައި އަވަސް ބަދަލެއް ގެންނަން ޖެހުމުންވެސް ޓީމްގެ ކުޅުމަށް އަސަރު ކުރި. މިފަހަރުގެ ސްކޮޑުގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބަޔަކީ މުޅިން އާ ކުޅުންތެރިން،" އޭނާ ބުންޏެވެ.
ފާންދީ ބުނީ ސްކޮޑުގައި އާ ކުޅުންތެރިން ގިނަ ކަމުގައި ވިޔަސް، މި މުބާރާތަކީ އެ ކުޅުންތެރިންނަށް ލިބިގެން ދާނެ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، މިއީ ގައުމުން ބޭރުގައި އެ ކުޅުންތެރިން ޕާފޯމް ކުރާ ގޮތް ބަލައިލުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އޭގެ އިތުރުން އަންނަ މެޗަށް ނެރޭ ޓީމުން ދެ ތިން ބަދަލެއް ފެނިގެން ދާނެ ކަމަށާއި، އެ މެޗު ކާމިޔާބު ކުރުން އެ ޓީމަށް ވަރަށް މުހިންމު ކަމަށްވެސް ފާންދީ ވަނީ ބުނެފައެވެ.