22 Jan 2015, 20:05
އޭވީސީ ސަބް ޒޯނަލް ބީޗު ވޮލީބޯލް މުބާރާތުގައި ރާއްޖެ ބަލި ކުރުމަށްފަހު ޕާކިސްތާނާއި އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މާލޭގެ ދޮންގަނޑު ބީޗު ވޮލީބޯޅަ ކޯޓުގައި ކުރިއަށް މިއަދު ގެންދިޔަ މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ބައްދަލުކޮށްފައި ވަނީ ޕާކިސްތާނާއެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ޝިއުނާޒް އާއި އަނިލްގެ ޕެއާ ބައްދަލުކުރީ ރަޒާ އާއި ރައްޒާގްއާ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 2-1 ސެޓުންނެވެ.
ރާއްޖެއާ ޕާކިސްތާނު ބައްދަލު ކުރި ދެ ވަނަ މެޗުގައި ރާއްޖެ ކޮޅުން ނުކުތީ ސާޖިދު އާއި އަސްފާގުގެ ޕެއާ އެވެ. އިދިކޮޅު ޕާކިސްތާނުން ނުކުތީ ރިއާޒް އާއި އިސްމާއިލެވެ. އެ މެޗުން ރާއްޖެ ބަލިވީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓުގައި 24-22 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެފައިވާއިރު ދެވަނަ ސެޓުން ބަލިވީ 21-23 ގެ ނަތީޖާއަކުންނެވެ.
ފައިނަލްގެ ދެ ވަނަ ޖާގަ އިންޑިއާ އިން ހޯދާފައި ވަނީ އަފްޣާނިސްތާން އާ ބައްދަލުކޮށް ގޯލްޑަން މެޗެއް ކުޅެގެންނެވެ. ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން އިންޑިޔާ މޮޅުވެފައިވާއިރު އެ މެޗުގައި އިންޑިއާ ފަޅިން އެރީ ނަރޭޝް އާއި ރާޖޫއެވެ. އަދި އަފްޣާނިސްތާން ފަޅިން އެރީ އިދްރިސް އާއި ޝަމްސީ އެވެ.
ދެވަނަ މެޗުގައި އިންޑިއާއިން އަރާފައި ވަނީ މޯހަން އާއި ބާލާ އެވެ. އޮމިދް އާއި ރަނިންއާ ދެކޮޅަށް ކުޅުން އެ މެޗުން 2-1 ސެޓުން އަފްޣާނިސްތާން ބަލިވުމާ ގުޅިގެން އެއް ސެޓުގެ ގޯލްޑެން މެޗެއް ވަނީ ކުޅެފަ އެވެ. ގޯލްޑެން މެޗު އިންޑިއާއިން ކާމިޔާބު ކުރީ 21-17 ނަތީޖާއަކުންނެވެ.
އިންޑިއާ އާއި ޕާކިސްތާން ކުޅޭ ފައިނަލް މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ތިން ވަނައަށް ދާ ޓީމު ހޮވުމަށްޓަކައި ރާއްޖެ އާއި އަފްޣާނިސްތާން ބައްދަލު ކުރާ މެޗު ވެސް ކުޅޭނީ މާދަމާ އެވެ.