ޕީޕަލްސް ކަޕްގައި ސިންގަޕޫރުގެ ލަޔަންސްގެ މައްޗަށް މާޒިޔާ މިއަދު ހޯދި ކާމިޔާބީއަކީ މުބާރާތުގައި ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ މި މެޗުން ލިބުނު ތިން ޕޮއިންޓަކީ މުބާރާތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މުބާރާތުގެ ފަހު މަރުހަލާތަކުގައި ތިން ޕޮއިންޓް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ކާމިޔާބީގެ ސަބަބުން ކުޅުންތެރިން ވަރަށް ބޮޑަށް މޯޓިވޭޓް ވެގެން ދާނެ ކަމަށް ވެސް ސުޒޭން ބުންޏެވެ.

"މި ކާމިޔާބީއަކީ ޓީމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލީޑެއް. އެއީ ދެ ދުވަހުން އެއް ދުވަހު މެޗުތައް ކުޅެން ޖެހޭއިރު، ކުޅުންތެރިންނަށް ވަރުބަލިކަން ވެސް އިހުސާސް ކުރެވޭނެ. އެހެން ކަމުން މުބާރާތުގެ ފަހު ކޮޅު ތިން ޕޮއިންޓް ހޯދުން އެއީ އެހާ ފަސޭހަ ކަމަކަށް ވެގެނެއް ނުދާނެ. މިއީ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު މޯޓިވޭޝަނެއް،" ސުޒޭން ބުންޏެވެ.

މިއަދު މެޗަށް ފަހު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ސުޒޭން ވަނީ އެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ކުޅުމާ ހިންހަމަޖެހޭ ކަމަށް ބުނެފަ އެވެ. ސުޒޭން ބުނީ މެޗުގައި އެ ޓީމްގެ ސްޕެނިޝް ފޯވާޑް ޕަބްލޯ ރޮޑްރިގޭޒްގެ ފިނިޝިންގްތައް ވަރަށް ރަނގަޅު ކަމަށާއި، އެ ޓީމަށް ގެނައި ޖަޕާނުގެ މިޑްފީލްޑަރު ޓޮޝިއާގެ ކުޅުމާ މެދު ވެސް ހިންހަމަ ޖެހޭ ކަމަށެވެ.

"ޕަބްލޯއަކީ ވެތުވެދިޔަ ހަތް ވަރަކަށް އަހަރުތެރޭ ރާއްޖެ އައި އެންމެ މޮޅު އެއް ބިދޭސީ ކުޅުންތެރިޔާ. މެޗުގައި މިއަދު ފެނިގެން ދިޔަ އޭނާގެ ފިނިޝިންގް ތަކުންވެސް އެކަން އެނގިގެން ގޮސްފި. ނަމަވެސް އޭނާ އަދި ޓީމަށް ހޭނެން ދުވަސްކޮޅެއް ނަގާނެ. އޭގެ އިތުރުން ޓޮޝިއާގެ ފަރާތުންވެސް ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުން ފެނިގެން ގޮސްފައި ވަނީ ރަމނގަޅު ކުޅުމެއް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މި ސީޒަނަށް އެ ޓީމާ ގުޅުނު ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާންގެ ކުޅުމާ މެދުވެސް ހިންހަމަ ޖެހޭކަމަށާއި، އޭނާގެ ފަރާތުން މެޗުގައި ރަނގަޅު ދެ ތިން ސޭވެއް ފެނުމުގެ އިތުރުން، އެނާއަކީ މެޗުގައި ލީޑަރެއްގެ މަގާމްވެސް އަދާ ކުރެވޭނެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ.

އޭގެ އިތުރުން ސުޒޭން ވަނީ މި ސީޒަނަކީ އޭނާ ގަލޮޅު ދަނޑަށް ނިކުއިންތާ 30 ވަނަ ސީޒަންކަން ފާހަގަކޮށް، ކާމިޔާބީއަކަށް ބޭނުންވެފައި ހުއްޓައި "ކުޅުންތެރިންގެ ބުރަ މަސައްކަތުން" މާޒިޔާ ހޯދި އެ ކާމިޔާބީއަށް ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.