22 Jan 2015, 17:59
ރާއްޖޭ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ޖަމާއަތުގައި މިރޭ ކުރާ ފަތިސް ނަމާދުގައި މާލޭގެ ސްކޫލްތަކުން 18،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު "ސަން"އަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގެ ދަރިވަރުން ވެސް ފަތިސް ނަމާދު ޖަމާއަތުގައި މިރޭ ކުރާނެ ކަމަށާއި ފަތިސް ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ރަށެއްގައި ވެސް ހުކުރު މިސްކުތުގައި ކަމަށެވެ. މާލޭގައި ހުރިހާ ސުކޫލެއްގެ ކުދިން ޖަމާއަތުގައި ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގައި ކަމަށް ނަޒީރު ވިދާޅުވި އެވެ. އިސްލާމީ މަރުކަޒުގައި ކުރާ ފަތިސް ނަމާދު އިމާމުވެ ކޮށްދެއްވުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ.
"މާލޭގެ ސުކޫލުތަކުގެ ކުދިން ފަތިސް ނަމާދު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައި ވަނީ، އިސްލާމީ މަރުކަޒާއި، މަރުކަޒުގެ ބޭރާއި، ކައިރި މަގުތަކާއި، ޖުމްހޫރީ މައިދާނުގައި، އަންހެންކުދިންނަށް ހާއްސަ ކުރެވިފައި ވަނީ، އިސްލާމީ މަރުކަޒުގެ ދެވަނަ ބުރި،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން އަދި މުދައްރިސުން ވެސް ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ހާއްސަކޮށް އަންހެން ދަރިވަރުންގެ ބެލެނިވެރިން، އެ ދަރިވަރުންނާއެކު ނަމާދުގައި ބައިވެރިވުމަށް ނަޒީރު އިލްތިމާސް ކުރެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ސުކޫލު ކުދިން ޖަމާއަތުގައި މިރޭ ކުރުމަށް ހަމަޖެހިފައިވާ ފަތިސް ނަމާދު އިންތިޒާމު ކުރުމުގައި، ފުލުހުންނާއި ހެލްތް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން ދިވެހި ރެޑްކްރެސެންޓުގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފަތިސް ނަމާދު ވަގުތުގައި އިސްލާމީ މަތުކަޒާއި އިންވެގެން ހުންނަ މަގުތަށް ބަދު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސުކޫލުތަކުގައި ހާއްސަ އެސެމްބްލީއެއް މިއަދު ވަނީ ބާއްވާފަ އެވެ. ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވެސް ވަނީ ކޮށްފަ އެވެ. ރާއްރާ