22 Jan 2015, 17:38
ޕީޕަލްސް ކަޕްގައި މިރޭ ނިއުރޭޑިއެންޓް ޕީޑީއާރްއެމްއާ ދެކޮޅަށް ނިކުންނައިރު، ނިއުގެ ޑިފެންސަށް ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހިފައްޓާލެވިދާނެ ކަމަށް ނިއުގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފި އެވެ.
މިރޭ ކުޅޭ މެޗުގެ ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުނ މިކާ ބުނީ މިދިޔަ ސީޒަނާ އަޅާބަލައިރު، މި ސީޒަނާ ނިއު ވަރަށް ތަފާތުވާނެ ކަމަށާއި، ޓީމުގެ ކޮންމެ ޕޮސިޝަނަކަށް ހަމަ ރަނގަޅު ފެންވަރެއްގެ ދެ ކުޅުންތެރިން މިހާރު ތިބި ކަމަށެވެ. އޭގެ އިތުރުން ކޯޗް ނުނީ މިދިޔަ އަހަރު ކުޅުނު ގޮތަށް އެޓޭކަށް ވިސްނައިން މިރޭ މެޗު ނުކުޅެވޭނެ ކަމަށާއި، މެޗުގައި ޑިފެންސަށް އިސްކަން ދޭނެ ކަމަށެވެ.
"މިހާރު ޓީމުގައި ތިބީ ހަމަ ވަރަށް ތަޖުރިބާ ކާރު ކުޅުންތެރިންތަކެއް. އަދި ޓީމުގެ ކޮންމެ ޕޮޒިޝަނަކަށް ވެސް ބޭނުން ކުރެވޭނެ ރަނގަޅު ފެންވަރުގެ ދެ ކުޅުންތެރިން އެބަ ތިބި. އެހެން ކަމުން އަޝްފާގު ހިފައްޓާލެވިދާނެ. ނަމަވެސް މިދިޔަ އަހަރު ކުޅުނުހެން ބޮޑަށް އެޓޭކަށް އިސްކަން ދީގެން ނުކުޅެވޭނެ. ޕީޑީއާރްއެމް އަކީ ރަނގަޅު ފެންވަރެއްގެ ޓީމެއް. އެހެން ކަމުން މެޗުގައި ޑިފެންސަށް ވެސް އިސްކަން ދޭނަން،" މިކާ ބުންޏެވެ.
އޭގެ އިތުރުން މިކާ ބުނީ ތަމްރީނު ކުރަން ކުޑަ މުއްދަތެއް ލިބުނު ކަމުގައި ވިޔަސް ޓީމުގެ ތަމްރީނުތައް ދިޔަ ގޮތާ މެޗު ހިންހަމަޖެހޭ ކަމަށާއި ޓީމްގެ ބިދޭސީ ކުޅުންތެރިންގެ ފެންވަރާ މެޗު ވެސް ހިންހަމަ ޖެހޭ ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިން އަދި ޓީމާއި ގުޅިފައި ވަނީ ވަރަށް ފަހުން ކަމަށް ވުމުން، އަދި އެއްކޮށް އެ ކުޅުންތެރިން ޓީމަށް ހޭނެން ވަގުތު ނަގާނެ ކަމަށް ވެސް މިކާ ބުންޏެވެ.
"ތަމްރީނު ކުރަން ލިބުނު ކުޑަ ވަގުތުކޮޅާ ބަލާފަ ޓީމްގެ ތަމްރީނު ތަކާ މެދު ހިންހަމަޖެހޭ. އަދި ބިދޭސީ ކުޅުންތެރިންނަކީ ވެސް މީގެ ކުރިން ރަނގަޅު ތަމްރީނުތަކެއް ހަދާފައިވާ ކުޅުންތެރިން. ނަމަވެސް ކޮންމެ ޓީމެއްގެ ޓެކްޓިކްސް ވެސް އަދި ފޯމޭޝަންތައް ވެސް ތަފާތު ވާނެ. އެ ކުޅުންތެރިން އަދި ޓީމަށް ހޭނެން ދުވަސްކޮޅެއް ނަގާނެ. ޕީޑިއާރްއެމް މި މުބާރާތުގެ ކުރިން ވަނީ ރަނގަޅު ތަމްރީނުތަކެއް ކޮށްފައި. އެހެން ކަމުން މެޗުގައި އަހަރުމެންގެ ޑިފެންސަށް ވަރަށް ވިސްނަން ޖެހޭ،" މިކާ ބުންޏެވެ.
އޭގެ އިތުރުން މިކާ ބުނީ މިއީ އޭއެފްސީ ކަޕަށް ދިޔުމުގެ ކުރިން އެ މުބާރާތައް ތައްޔާރުވާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި މިބާރާތުގެ މެޗުތަކަކީ އޭއެފްސީ މުބާރާތުގައި ކުޅޭ މެޗުތަކާ އެންމެ އެއްފަދަ މެޗު ތަކެއް އެ މުބާރާތުގެ ކުރިން ލިބޭ ހަމައެކަނި ފުރުސަތު ކަމަށެވެ.