ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށް، ކަންކަން ނިންމުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފި އެވެ.

އަބޫދާބީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ "ރާއްޖެ އަނެއްކާ ވެސް މިވަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީ"ގައި ކަމަށާއި ދިވެހި ރާއްޖެ ހަމަނުޖެހުމުގެ ތެރެއަށް ހިނގައިދާނެ ކަންކަމުން ދުރުހެލިވުމަށް ރައީސް ޔާމިނުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ "ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީ އަދި އެމްޑީޕީއާ އެކު" މަޝްވަރާ ކުރެއްވުމަށް ފަހު ކަންކަން ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ޔާމިނަށް އެނގިލައްވާނެ ހަމަ އަޅުގަނޑާ އެއްވަރަށް، އަޅުގަނޑުގެ ސަރުކާރު ވެއްޓިގެން ދިޔަ ގޮތް، ކަންކަން ދިމާވަމުން އައިގޮތް، އަޅުގަނޑުމެނަށް މިއަދު މި ފެންނަނީ ފިޔަވަޅަކުން ފިޔަވަޅަކުން ހަމަ ސީދާ އެމަންޒަރު، އަޅުގަނޑެއް ނޭދެން ދިވެހިރާއްޖޭގައި ހަމަނުޖެހުން އުފެދޭކަށް،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު ރައީސް ޔާމިންގެ ކިބައިން އެދެނީ، ވަރަށް އަވަހަށް، މިރޭ ވެސް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް، ގެންނަން ބޭނުންވާ ބަދަލެއް، އަދި ގެންނަން އެދޭ ބަދަލެއް ވިއްޔާ ވެސް ގެންނެވުން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހަރުކަށި ފިޔަވަޅުތައް އަޅުއްވަން ނިންމަވާ ނަމަ، ވާދަވެރި ފަރާތްތަކުން ވެސް ހަރުކަށި ގޮތްތައް އިހުތިޔާރުކުރައްވާނެ ކަމަށެވެ. އަދި ޗައިނާގެ ސިލްކުރޫޓުގެ މަޝްރޫއު އެއްބަސްވުމުގައި މިމަހުގެ 25 ވަަނަ ދުވަހު ރައީސް ޔަމީން ސޮއިކުރައްވަން އުޅުއްވާ ކަމަށާއި އަދި ލ. އަތޮޅުގެ ބިމެއް "މިލިޓަރީ ބޭސްއެއް ހެދުމަށް، 99 އަހަރަށް ކުއްޔަށް ދިނުމަށް" ނިންމަވައި ބަދަލުގައި ދެ ބިލިއަން ޑޮލަރު ލިބިވަޑައިގަންނަވާ ކަން އެނގިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިކަން ކަން މިހެން ކުރެއްވީމާ އެތެރެވަރީގެ އެހެން ގައުމުތަކާއި ރާއްޖެ އާ އޮއްނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދާނެ. ކަން ކަން އެހެން ކުރެއްވަމުން ގެންދަވާއިރުގައި ދިވެހި ރާއްޖޭގެ ސިޔާސީ އެކި އެކި ބޭފުޅުންނާ ގުޅޭ ގޮތުން އަދި އެބޭފުޅުންނާ މެދު ރައީސް ޔާމިން އަމަލުކުރައްވަމުން ގެންދަވާ ހަރުކަށި އުސޫލުތައް ދޫކޮށްލެއްވުމަށް އަޅުގަނޑު ރައީސް ޔާމިން އަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން." ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ނަޝީދު ހައްޔަރުކުރައްވަން އުޅުއްވާކަމުގެ މައުލޫމާތު ލިބުނުކަމަށް ވިދާޅުވެ ދަތުރުފުޅު ކުރު ކުރައްވައި މާލެ ވަޑައިގެންނެވި ކަމަށް ނަޝީދު އިއްޔެ ވިދާޅުވި ނަމަވެސް، މީޑިއާއާ ބައްދަލުކުރައްވާ އެކަމާ ބެހޭ އެއްވެސް ވާހަކަ އެއް ނަޝީދު ފާހަގަކުރައްވާފައެއްނުވެ އެވެ. އަދި ނަޝީދު ހައްޔަރު ކުރުމަކަށް ވެސް އެެއްވެސް ފަރާތަކުން މަސައްކަތްކޮށްފައެއް ނުވެ އެވެ.