22 Jan 2015, 16:10
ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ 149 ކޭސް ރެޑްބުލްއާ އެކު ގިނަ އަދަދެއްގެ ކާބޯތަކެތި ކަސްޓަމްސް އިން ނައްތާލައިފި އެވެ.
ކަސްޓަމުސް އިން މިއަދު ބުނި ގޮތުގައި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ނައްތާލެވުނު ތަކެތީގެ ތެރޭގައި އެކި ފަހަރުމަތިން ރާއްޖެ އަށް އެތެރެކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި 247 ކޭސް ބިހާއި 298 ބަސްތާ ކެބެޖާއި 652 ބަސްތާ ޓޮމާޓޯގެ އިތުރުން 149 ކޭސް ރެޑްބުލްއާއި 50 ކޭސް ހަވާދުގެ ބާވަތްތަކާއި ހަތް ބަސްތާ އަލުވީގެ އިތުރުން ނުވަ ބަސްތާ ފިޔާ ނައްތާލާފައިވާ ކަމަށެވެ.
ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 150 ބަސްތާ، ކަރައާއި 37 ބަސްތާ، މުގުގެ އިތުރުން 480 ކޭސް މަޔޮނައިޒް އާއި 600 ކޭސް ޓޮމާޓޯ ސޯސްގެ އިތުރުން 117 ކޭސް މަސްޓާޑް ސޯސް ވަނީ ނައްތާލެވިފައިވާ ކަމަށް ކަސްޓަމުސް އިން ބުންޏެވެ.
"ހުރިހާ ތަކެތި ވެސް ނައްތާލާފައި ވަނީ އިންސާނުން ކެއުން ބުއިމަށް އެކަށީގެންނުވާ ވަރަށް ހަލާކުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާތީ،" ކަސްޓަމުސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އެތަކެތި ނައްތާލެވިފައި ވަނީ އޮފިޝަލެއްގެ ހާޒިރުގަ އެވެ. ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއޮތޯރިޓީގެ ކޮންޓްރޯލް ދަށުގައި ހުންނަ ތަކެތީގެ ތެރެއިން، އެތަކެއްޗަކީ ސިއްޙީ ގޮތުން އެކަށީގެންނުވާ ތަކެތި ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން ކަނޑައަޅާ ތަކެތި، ކަސްޓަމްސްއިން ނައްތާލެވޭނެ އެވެ.