ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ކުންފުނިތަކުން ދައުލަތަށް ލިބޭ ފައިދާ އިތުރުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެން ކަމަށެވެ.

މިއަދުގެ މަޝްވަރާތަކުގައި ކުންފުނިތަކުން ލިބޭ ފައިދާ އާއި ކުންފުނިތަކުން ސަރުކާރަށް ދައްކާ ޑިވިޑެންޑަށް ބެއްލެވުމަށް ފަހު ކުންފުނިތައް ގްރޭޑްކުރާނެ ގޮތްތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވި އެވެ.

ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވި އިރު ކުންފުނިތަކުންދޭ ހިދުމަތައް ރަނގަޅުތޯ ބެލުމަށް ކުންފުނިތަކުގެ ހިންގުމާ "ބެހެން" ސަރުކާރުން ވަނީ ނިންމާފައި ކަމަށާއި ބޭނުންވާ ގޮތަށް ހިދުމަތް ނުދޭ ނަމަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުން ވަކިކުރައްވާނެ ކަމަށް ރައީސް ޔާމީން ރޭ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކުންފުނިތައް އުފައްދާފައި ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށްވާ އިރު ކުންފުނިތައް ހިނގަނީ ރަނގަޅަށްތޯ ބަލައި އެ ކުންފުނިތަކާ ސަރުކާރުން "ބެހޭނެ" ކަމަށެވެ. އަދި ސަރުކާރުން ތަސައްވަރަށް ކުންފުނިތައް ކުރިއަށްނުދާނަމަ މެނޭޖިން ޑިރެކްޓަރުން ވެސް ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ހަމައެއާ އެކު ކުންފުނިތައް އުފައްދާފައި ހުންނަނީ ސަރުކާރުން ބޭނުންވާ ހިދުމަތްތަކެއް ދޭން ކަމަށާއި އެކަންކަން ކުރުމަށް ކުންފުނިތަކުގެ "އަމިއްލަ ސްޕީޑު" ހިޔާރު ކުރަން ފުރުސަތު ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ކުންފުނިތަކުގެ ހިންގުންތެރެއަށް ވަނުމަކީ ބޯޑުގައި ހުންނަ ހުރިހާ މައްސަލަތަކަށް ފާޑުކިޔުމެއް ނޫން ކަމަށާއި ނަމަވެސް ކުންފުނިތައް އޮޕަރޭޓް ކުރަންޖެހޭނެގޮތުގެ މައިގަނޑު ވިޔުގައެއް ސަރުކާރުން ދައްކާނެ ކަމަށެވެ.