ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އާއި 2014ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމަ އެ އަހަރު އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ގައުމީ ޕާޓީއާ އެކު އިންތިހާދުވުމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މެޖޯރިޓީ އޮތް ޑީއާރުޕީގެ ކައުންސިލްގެ އިއްތިފާގުން މިއަދު ނިންމައިފި އެވެ.

ޑީއާރުޕީން މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ގައުމީ ޕާޓީއާ އިއްތިހާދު ވުމަށް ނިންމީ 34 މެންބަރުންގެ ކައުންސިލްގައި ބައިވެރިވެވަޑައިގަތް 22 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ގައުމީ ޕާޓީއާ އިއްތިހާދު ވުމަށް ނިންމި އިރު 12 ކައުންސިލް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ދެ ބޭފުޅުން ކަމުގައިވާ ދުންޔާ މައުމުމޫނާއި ޣައްސާނު މައުމޫން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދާއި މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު ވަނީ، ޕާޓީގެ އެކްޓިވިސްޓުންގެ ބަޔަކު ބައްދަލުވުމުން ނެރެފަ އެވެ.

ނިހާން ހުސައިން މަނިކު ކައުންސިލް ބައްދަލުވުމަށް ވަޑައިގަތެވެ. ނަމަވެސް އޭނާ ކައުންސިލް ދޫކުރައްވައި ނުކުންނެވީ ތަފާތު ފިކުރުގެ ބޭފުޅުންގެ ފިކުރަށް ރިޔާއަތް ކުރެއްވުމަކާ ނުލައި "ޑިމޮކްރަސީއާ ހިލާފަށް" އެފަދަ ނިންމުމެއް ނިންމަވާ ތަނުގައި އިންނަވަން ބޭނުންފުޅު ނޫން ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ފަހުން ސަން އަށް ވިދާޅުވީ، އޭނާ ހުށަހެޅުއްވީ ގިނަ ބޭފުޅުން ތިއްބަވާ ބައްދަލުވުމެއްގައި އަދި އެ ބޭފުޅުންގެ ވެސް ހިޔާލު ހޯދުމަށް ފަހު އެ ނިންމުން ނިންމުމަށް ކަމަށާއި ނަމަވެސް އޭނާގެ ފިކުރަށް ރިއާސަތުން ތާއީދު ނުކުރެއްވުމުން ނުކުންނެވީ ކަމަށެވެ.

މިއަދު ހެނދުނު 11 ޖެހިއިރު ފަށަން އޮތް ބައްދަލުވުމަށް ރައީސް މައުމޫންގެ ޣައްސާން މައުމޫނާއި ދުންޔާ މައުމޫން ވަޑައިގަތެވެ. ނަމަވެސް އެ ބައްދަލުވުން ނުފެށި ލަސްވުމާ ގުޅިގެން އެ ބޭފުޅުން ވަނީ އެނބުރި ވަޑައިގެންފަ އެވެ.
މިއަދު މީޑިއާއާ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ ކައުންސިލްގެ ހުރިހާ މެންބަރުންނަށް ވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އެރުވި ކަމަށާއި އެ ބޭފުޅުން ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަތީ ކީއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ގައުމީ ޕާޓީއާ އެކު އިންތިހާދުވުމަށް ކައުންސިލުން ނިންމުމާ ގުޅިގެން ތަސްމީން ވިދާޅުވީ އެ ޕާޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމީ މައިގަނޑު ހަތަރު ސަބަބެއްގެ މައްޗަށް ބަރޯސާވެގެން ކަމަށެވެ.

އެ ސަބަބުތަކުގެ ތެރޭގައި ސަރުކާރު ޖަވާބު ދާރީކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމާއި އަންނަން އޮތް ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ކެންޑިޑޭޓަށް ތާއިދުކޮށް، އެކަން ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުމާއި އަންނަން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގުޅިގެން ކެނޑިޑޭޓުން ނެރުން ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ޕާޓީ އިއްތިހާދުވާ އެގްރީމަންޓް ކައުންސިލުން އެކުލަވާލައިފައިވާ ކަމަށެވެ.

ޑީއާރުޕީ ކައުންސިލުން އެ ގޮތަށް ނިންމާފައިވާ އިރު ގައުމީ ޕާޓީގެ ކައުންސިލުން ވެސް ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީއާ އެކު އިއްތިހާދުވުމަށް ނިންމައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީން ނެރޭ ކެނޑިޑޭޓަކަށް ތާއިދު ކުރުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. އަދި ޑީއާރުޕީއަކީ އިންތިހާބުތައް ކާމިޔާބު ކުރަމުންދާ ޕާޓީއަކަށް ވުމާ އެކު، އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ގައުމީ ޕާޓީ އާއި ޑީއާރުޕީއާ އެކު އިއްތިހާދު ވުމަށް އެ ދެ ޕާޓީން ވެސް ނިންމުމާ ގުޅިގެން، ބައެއް ފަރާތަކުން ބުނަމުންދަނީ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ތަސްމީން ނުކުންނަވައިފި ކަމުގައިވާ ނަމަ، އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވެގެންދަނީ ގައުމީ ޕާޓީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން، ޑރ. ޖަމީލް ވިދާޅުވީ "އެ ވާހަކަ ދެއްކުން މާ އަވަސް ކަމަށާއި މިވަގުތަށް ޑީއާރުޕީއާ އެކު އެއްބަސްވެފައިވާ ކަންތައްތައް މީޑިއާގައި ހާމަކޮށްފައިވާނެ" ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ގައުމީ ޕާޓީއާ އެކު އިއްތިހާދުވުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ކައުންސިލަށް ހުށަހެޅުއްވީ ތަސްމީން ކަމަށް ވަރަށް މުއުތަބަރުކޮށް ސަން އަށް ވަނީ އެނގިފަ އެވެ.