22 Jan 2015, 15:24
ސޫރިޔާގައި ހަނގުރާމަކުރުމަށް މީހުން ހުރަސްކުރިޔަސް، އެގައުމާ ތުރުކީއާ ގުޅޭ ސަރަހައްދީ ރޮނގު ބަންދުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ތުރުކީން ބުނެފި އެވެ.
އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ތުރުކީގެ ބޮޑުވަޒީރު އަހުމަދު ދާއޫދު އުޣުލޫ ވިދާޅުވެފައި ވަނީ އެގައުމާ ސޫރިޔާއާ ގުޅޭ 937 ކިލޯމީޓަރުގެ ސަރަހައްދީ ރޮނގު ބަންދު ކުރުމަކީ ވެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފި ނަމަ ރެފިއުޖީންނަށް ހުރަސް ނުކުރެވޭތީ ތުރުކީއަށް ފާޑުކިއުން އަމާޒުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
"... ސަރަހައްދީ ރޮނގަކީ އަސްކަރީ ސަރަހައްދެއް ކަމަށް، އަދި އެއްވެސް މީހަކަށް ހުރަސް ނުކުރެވޭނެ ކަމަށް އަހަރެމެންނަށް އިއުލާން ކުރެވިދާނެ. އެކަމަކު އަހަރެމެން އެކަން ކޮށްފި ނަމަ ހަމަ އަހަރެމެންނަށް މިހާރު މި ފާޑުކިޔާ މީހުން ބުނާނެ، ތުރުކީން ސަރަހައްދީ ރޮނގު ބަންދުކޮށްފިއޭ. އެކަމުގެ ސަބަބުން މީހުން މަރުވަނީއޭ. އަހަރެމެން އެއްގޮތަކަށް ވެސް އެކަމެއް ނުކުރާނަން،" އަހުމަދު ވިދާޅުވެފައި ވެއެވެ.
ރެފިއުޖީންގެ ގޮތުގައި އަންނަ މީހުން ސަރަހައްދީ ރޮނގު ހުރަސް ކުރަނީ ފައިމަގުގައި ކަމަށް ވާއިރު، އެމީހުންނަށް ހުރަސް ނުކުރެވޭ ގޮތަށް ސަރަހައްދީ ރޮނގު ބަންދު ކުރުމަކީ ޒިންމާދާރު ކަމެއްތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.
"... އަހަރެމެންނަށް ސަރަހައްދީ ރޮނގު ބަންދުކުރެވިދާނެ. އެކަމަކު ރެފިއުޖީން ސަލާމަތްކުރާނީ ކާކު. އެމީހުންނަށް ސަލާމަތްތެރި ތަނެއް ހޯދައިދޭނީ ކާކު؟ އެހުރިހާ އެންމެން އެ ސަލާމަތްވަނީ ހިނގާފައި. އަހަރެމެން ސަރަހައްދީ ރޮނގޮ ބަންދުކުރަންވީތަ؟ އެއީ ގަބޫލުކުރެވޭނެ ކަމެއްތަ؟" އަހުމަދު ވިދާޅުވެފައި ވެއެވެ.
ސޫރިޔާއާއި އިރާގުން ބައެއްގައި ގާއިމްކޮށްފައިވާ އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ހަނގުރާމަކުރުމަށް އެމެރިކާއިން އުފައްދާފައިވާ އިއްތިހާދުން ތުރުކީއަށް ބާރު އަޅަމުން ދަނީ ސަރަހައްދީ ރޮނގު ވަރުގަދަ ކުރުމަށެވެ. ނަމަވެސް ތުރުކީން ބުނަމުން ދަނީ ސޫރިޔާގެ ރައީސްކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށް އިއްތިހާދުން މަސައްކަތް ނުކުރާހާ ހިނދަކު ސަރަހައްދީ ރޮނގުގައި އަސްކަރީ ފިޔަވަޅު ނާޅާނެ ކަމަށެވެ.
އައިއެސްއާއި ޖަބުހަތުއް ނުސްރާ ( އަލްގައިދާ އިން ދަ ލޭވެންޓް) އާ ގުޅުމަށް ދުނިޔޭގެ އެކި ގައުމުތަކުން ސޫރިޔާއަށްދާ މީހުން އެގައުމަށް ދަނީ ތުރުކީ ތެރެއިން ލާފައި ކަމަށް ވަނީ ބެލެވިފައެވެ.