22 Jan 2015, 15:18
މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާ ނުލައި އަދި އެ ޓީމަށް ކުޅެވެން ނެތް ކަމަށާއި، އޭނާ މިރޭގެ މެޗުން ފެނިގެން ދާނެ ކަމަށް ޕީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ފައުޒީ ޕިލަސް ބުނެފި އެވެ.
ޕީޕަލްސް ކަޕްގައި މިރޭ އެ ޓީމް ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއެންޓާ ދެކޮޅަށް ނިކުންނައިރު، ފައުޒީ ބުނީ ނިއު އަކީ އަދި އެ ކްލަބަށް މުޅިން އާ ޓީމެއް ކަމަށާއި، ނަމަވެސް ޕީޑިއާރްއެމްއަށް ނިއު އާވި ކަމުގައި ވިޔަސް، އަޝްފާގް އެ ޓީމް ވަރަށް ރަނގަޅަށް ދަންނާނެ ކަމަށެވެ.
"އަޝްފާގް މިރޭގެ މެޗުން ފެންނާނެ. އަދި އަހަރުމެނަށް އޭނާއާ ނުލައި ކުޅެވޭކަށް ނެތް. ނަމަވެސް އަޝްފާގް އެ ޓީމް ވަރަށް ރަނގަޅަށް ދަންނާނެ. އަދި އޭގެ އިތުރުން އަޝްފާގް ހުރީ މި މެޗުގައި ކުޅެން ވަރަށް ތައްޔާރަށް. ނިއު އަކީވެސް ވަރަށް ތަޖުރިބާ ހުރި ޓީމެއް. ކޮންމެ އަހަރަކު އޭއެފްސީ ކަޕްގައި އެ ޓީމް ވާދަކުރާ ކަމީ އެކަމުގެ ހެއްކެއް. ނަމަވެސް އަޝްފާގާ އެކު މިރޭ އަހަރުމެނަށް މެޗުގައި ބަދަލެއް ގެނެވިދާނެ،" ފައުޒީ ބުންޏެވެ.
ފައުޒީ ބުނީ މި މެޗަށް ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ކުޅެން ތައްޔާރަށް ކަމަށެވެ. އަދި މުބާރާތުގައި ޓާގެޓަކީ ޗެންޕިއަންކަން ހޯދުން ކަމަށާއި، އެ މުބާރާތް އެ ޓީމުން ނަގާނީ މެޗަކަށްފަހު މެޗެއް ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ޓީމްގައި މާ ބޮޑެތި އިންޖަރީގެ މައްސަލަތަކެއް ނޫޅޭ ކަމަށްވެސް ފައުޒީ ބުންޏެވެ.
"މުބާރާތުގެ ޓަގެޓަކީ ޗެންޕިއަންކަން. އަދި މުބާރާތް އަހަރުމެން ނަގާނީ މެޗަކަށް ފަހު މެޗެއް. މިރޭގެ މެޗަށް އަހަރުމުންގެ އެންމެ ރަނގަޅު ސްކޮޑު ނެރޭނަން. އަދި މެޗުގައި އެންމެ ރަނގަޅު ކުޅުން ދައްކާނަން. ސްކޮޑުގައި މާ ބޮޑެތި އިންޖަރީގެ މައްސަލަތަކެއް ނޫޅެ. ނަމަވެސް ކުޅުންތެރިންނަށް ދިގު ދަތުރަކަށް ފަހު ކޮންމެވެސް ވަރަކަށް ވަރުބަލިކަން އިހުސާސް ކުރެވިފަ ތިބީ. ނަމަވެސް މެޗުގައި ހަމަ މި ޓީމްގެ އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ ބަލާނަން،" ފައުޒީ ބުންޏެވެ.
އޭގެ އިތުރުން ފައުޒީ ވަނީ މި މުބާރާތަކީ މެލޭޝިއާގައި ކުރިއަށް އޮތް ސުޕަރ ލީގަށް ތައްޔާރުވުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ބުނެފައެވެ. އޭނާ ބުނީ މި މުބާރާތުގައި ޓީމްގެ 'ވީކްނަސް'ތައް ދެނެގަނެ، އެކަންކަން ރަނގަޅު ކުރުމުގެ އިތުރުން، މެލޭޝިއަން ސުޕަރ ލީގުގައި ކުޅޭ ސިންގަޕޯރ ލަޔަންސްއާ ދެކޮޅަށް މި މުބާރާތުގައި ކުޅެން ލިބުމަކީ ލިބިގެންދާ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.