22 Jan 2015, 14:50
ސިފައިންގެ ތަމްރީންތަކަށް ކުރިން ބޭނުން ކުރަމުން ގެންދިޔަ ކ. ތަނބުރުދޫގައި ހެދުމަށް ހަމަޖައްސާފައިވާ ރިސޯޓު 2017ގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ޓޫރިޒަމާ ބެހޭ ހަބަރުތައް ގެނެސްދޭ ޓީޓީޖޭ އޭޝިއާ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ރިސޯޓަކީ ސިންގަޕޫރުގެ ޓެލޯސް އިންވެސްޓްމަންޓާއި ޕަޓިނާ ހޮޓެލްސް އެންޑް ރިސޯޓްސް އާ ގުޅިގެން ތަރައްގީ ކުރުމަށް ހަމަޖައްސާފައިވާ ރިސޯޓެކެވެ. އަދި އެ ރިސޯޓް 2017ގައި ހުޅުވުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ރިސޯޓް ތަރައްގީ ކުރުމަށް ހަމަޖައްސާފައިވަނީ 40 މޫދު ކޮޓަރި އާއި 30 އެއްގަމު ކޮޓަރި ހިމެނޭ ގޮތަށް ކަމަށް ވެސް އެ ވެސްސައިޓްގައިވެ އެވެ. އަދި އެ ރަށް ދުނިޔޭގެ ފެންވަރަށް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަނީ އޭސިއާގައި އެފަދަ ރިސޯޓްތައް ޑިޒައިން ކުރުމަށް މަޝްހޫރު އާކިޓެކްޓެއް ކަމުގައިވާ ކެރީ ހިލް އެވެ.
ދުނިޔޭގެ ފެންވަރުގައި ރާޅާ އަޅާ މީހުންގެ މަގުބޫލްކަން ހޯދާފައިވާ ތަބުރުދޫ "ސާފް ބްޓީކް" ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ސިންގަޕޫރުގެ ކުންފުންޏަކަށް އެެރަށް ވިއްކާލާފައިވަނީ އެންމެ ފުރަތަމަ އެ ރަށް ތަރައްގީ ކުރުމަށް ދޫކުރި "ސިފައިންގެ ވެލްފެއާ ކުންފުނިންނެވެ.
ތަނބުރުދޫ، ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ސިންގަޕޫރުގެ ޓެލޮސް އިންވެސްޓްމަންޓަށް 14 މިލިއަން ޑޮލަރަށް ވިއްކާލާފައިވަނީ 50 އަހަރަށެވެ.
އެރަށް ތަރައްގީކޮށް ނިމޭއިރު ރާޅާ އަޅާމީހުންނަށް ހާއްސަ ސާފް ސެންޓަރަކާއި ޑައިވިންގް ސްކޫލަކާއި ސްޕާއަކާއި ސްވިމިންޕޫލަކާއި ޔޯގާ އަދި ޕައިލޭޓްސް ފިޓްނަސް ސްޓޫޑިއޯއެއް ހިމެނޭނެ އެވެ. މީގެއިތުރުން އެފްއެން'ބީގެ ހިދުމަތްތަކާ އެކު ކައިވެނީގެ ހަފްލާތައް ފަަދަ ބައެއް ކަހަލަ އިވެންޓްތަކަށް ހާއްސަކޮށްފައިވާ ބައެއް ހިމެނޭނެ ކަމަށް ވެސް އެ ވެބްސައިޓްގައިވެ އެވެ.