ބަނާނާ ރީފް ހިމެނޭ ފަރުކޮޅުފުށި ސަރަހައްދު ކައިރިއަށް ޑައިވް ކުރުން ޓޫރިޒަމް މިނިސްޓްރީ އިން މަނާކޮށްފި އެވެ.

އެ މިނިސްޓްރީ އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ސަރަހައްދުގައި ޑިއިވް ކުރުން މަނާކޮށްފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ދާތީ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ ގާތުގިރީގައި އޮންނަ ބަނާނާ ރީފްގެ ވަށައިގެން ހިމެނޭ 980 މީޓަރު ސަރަހައްދަށް ޑައިވްކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ހުޅުމާލޭ ހިއްކުމުގެ މަސައްކަތް މި އަހަރުގެ މާޗު މަހުގެ 31 ނިޔަލަށް ކުރިއަށްދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.

"ސަން" އާ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަނާނާ ރީފް ހިމެނޭ ފަރުކޮޅުފުށި ސަރަހައްދު ކައިރިއަށް ޑައިވް ކުރުން ޓޫރިޒަމް މިނިސްޓްރީ އިން މަނާ ކުރީ ނޫން ކަމަށާއި އެކަން އެގޮތަށް ކުރީ އެޗްޑީސީގެ އެދުމުގެ މަތީން ކަމަށެވެ.

"އަޅުގަނޑުމެން އެގޮތަށް އެކަން ކުރީ ހުޅުމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އެޗްޑީސީގެ އެދުމުގެ މަތީން،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 240 ހެކްޓަރުގެ ބިން ތިން މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ތޮށިލާ ނިންމަން ޖެހޭނެ އެވެ.