ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓުމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރަކީ އޭނާއާ އެއްވެސް ގުޅުމެއް ހުރި އެއްޗިސެއް ނޫން ކަމަށް އޭނާއާ ހަވާލާދީ ގާނޫނީ ޓީމުން ބުނެފި އެވެ.

ނާޒިމްގެ ވަކީލުންގެ ޓީމް، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އިސްވެ ހުންނަވާ އެވަންޓް ގާޑް ލޯޔާސް އިން، މިއަދު ނެރުނު ބަޔާނުގައި ބުނީ ނާޒިމު ދިރިއުޅުއްވާ ގަލޮޅު އެނިފުގެ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރަކީ އޭނާ އާއި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށެވެ.

"އޭނާ މިހާރު ދިރިއުޅުއްވާ އޭނާގެ އަނބިކަނބަލުންގެ ގޭގެ އެޕާޓްމަންޓްގެ ތެރެއިން ފެނުނު ހަތިޔާރު ފަދަ ތަކެތި ކަމަށް ބުނާ ތަކެއްޗަކީ، އޭނާ އަދި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށާއި އަދި ފުލުހުން ހޯދިކަމަށް ބުނާ ތަކެއްޗަކީ ކާކު އެތަނުގައި ބަހައްޓާފައި ހުރި ނުވަތަ ކާކުގެ އެއްޗެއްކަން ނޭނގޭ،" ލޯފާމުން ނެރުނު ބަޔާނުގައިވެ އެވެ.

އެ މަސައްކަތުގައި މާތް ﷲގެ ވާގިފުޅާ އެކު، ކާމިޔާބީ ލިބޭނެ ކަމުގައި ފުރިހަމަ އުންމީދު އެބައޮތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މުހައްމަދު ނާޒިމް ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތްތަނުގައި ވެސް ނުކުރާނެ ކަމުގެ ޔަގީންކަން އޭނާގެ ފަރާތުން އަރުވާ ކަމަށް ގާނޫނީ ޓީމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނާޒިމް މަގާމުން ވަކިކުރައްވާފައިވާ އިރު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:15 އެހާކަންހާއިރު ފުލުހުން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ވަދެ އެމަނިކުފާނުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި ފަހުން ފުލުހުން ބުނީ އެގެ އިން ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށާއި އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.