22 Jan 2015, 13:49
ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރުން މަގާމުތައް ނަގައި، ޖަލަށްލާފައިވާ ޖެނެރަލް ޝަރަތު ފޮންސެކާ އަށް އެގައުމުގެ މިހާރުގެ ސަރުކާރުން އަލުން މަގާމް ދީފި އެވެ.
ބީބީސީ ބުނީ ފޮންސެކާގެ ކިބައިން ނިގުޅައިގެންފައިވާ އިންތިހާބުތަކުގައި ވާދަކުރުމާއި ވޯޓްލުމުގެ ހައްގު ވެސް އަލުން ދީފައިވާ ކަމަށެވެ. އަދި ބުނީ އޭނާއާ ދެކޮޅަށް ކުރީގެ ސަރުކާރުން އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއެއް މިހާރުގެ ސަރުކާރުން އަނބުރައި ގެންގޮސްފައިވާ ކަމަށެވެ.
ސްރީލަންކާގައި ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ތަމަޅައިން ބަލިކުރި ހަނގުރާމަ ކުރި އިރު އެގައުމުގެ އާމީ ޗީފްގެ ގޮތުގައި ހުންނެވި ފޮންސެކާގެ ކިބައިން އެހައްގުތައް ނިގުޅައި ގަނެ، އޭނާ ޖަލަށްލީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަށް ފަހުގަ އެވެ. އޭނާއާ ދެކޮޅަށް ދައުވާތައް އުފުއްލެވީ ރިޔާސީ އިންތިހާބުގައި ރާޖަޕަކްސާއާއި ވާދަކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ފޮންސެކާ ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ރާޖަޕަކްސާ ފަހުން ވަނީ މައާފްކޮށްދެއްވާފަ އެވެ.
ފޮންސެކާ އިސްކޮށް ހުންނަވައިގެން ލަންކާ ސިފައިން ތަމަޅައިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގައި އާއްމުންގެ ގިނަ ބަޔަކު މެރިކަމަށް ޔުނައިޓެޑް ނޭޝަން (ޔޫއެން)ގެ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ. ނަމަވެސް ފޮންސެކާ އާއި ރާޖަޕަކްސާ ވެސް ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވާފަ އެވެ.