22 Jan 2015, 12:43
ދިވެހިންގެ ސަގާފަތާ އާދަކާދަ ދިރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި ފުރަތަމަ ސަގާފީ ފެސްޓިވަލް ބާއްވާފައިވަނީ މިދިޔަ ހަފްތާގަ އެވެ. ސަގާފަތް ދިރުވުމުގެ މަގްސަދުގައި ކުރަން އެއީ ރަނގަޅު ކަމެކެވެ. ސަގާފީ އާދަ ކާދަތަށް ދިރުވަން ދިވެހިންނަށް ހިތްވަރު ވެސް ލިބިގެން ގޮސްފި އެވެ. ސަގާފަތާއި އާދަކާދަތަށް ހަނދާންކޮށް، އެ ރީތި މަންޒަރުތަށް ބަލާލުމަށް އެތަނަށް ގޮސްލީމެވެ.
ސްޓޯލްތައް ހަދާފައި ހުރި އިރު، ކޮންމެ ސްޓޯލެއް ވަކިވަކިން ބަލާލީމެވެ. ފެނުނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ކުރީޒަމާނުގައި ދިވެހިންގެ ތެރޭގައި ކަންކަން ކުރަމުން އައިގޮތެވެ. ކޮންމެ ސްޓޯލެއް ވަކިން ފޮޓޯ ނަގަމުން ގޮސް ދެ ފިރިހެނުންނާ އަންހެނަކު ތިބި ސްޓޯލަކަށް ހުއްޓުނީމެވެ. އަންހެނުންގެ ތެރެއިން އެކަކު އިނީ ކިނާރީ ވިޔާށެވެ. އަނެކަކު އިނީ ފިރިހެންމީހާ އަށް ފަންކާ ވިހެދޭށެވެ. ފިރިހެންމީހާ އޮށޯވެ އޮތް އިރު ކައިރީގައި "ގުޑުގުޑާ" އެއް ހުއްޓެވެ. ގޮސް ފޮޓޯނަގަން ފޯނު ސެޓްކޮށްލި ތަނުން މޫނަށް ބުރުވާލީ "ދުންގަނޑެ" ކެވެ. މިހާ ހިސާބުން އަޅުގަނޑުގެ ވާހަކަ ބަހައްޓާނަމެވެ. "ސަގާފީ އީދު" ފެސްޓިވަލް ހުޅުއްވައިދެއްވުމަށް ޝަރަފުވެރިއެއްގެ ގޮތުގައި ވަޑައިގެން ސަރުކާރުގެ ދާހިލީ ވަޒީރު އުމަރު ނަސީރު އާއި ސަރުކާރުގެ ބައެއް އިސްވެރިންގެ މޫނުފުޅު ކުރިމައްޗަށް ވެސް ހަމަ އެއްކަލަ "ދުންގަނޑު" ބުރުވާލި އެވެ. އަދި ގުޑުގުޑާ ބުއި މައްސަލަ ކޮންމެ ވެސް ވަރަކަށް ފެންމަތިވެސްވި އެވެ.
އާންމުންނަށް ފެންނަގޮތަށް ދުންފަތުގެ އިސްތިއުމާލުކުރުމުން އެކަމާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަންބޮޑުވި އެވެ. އުފެދޭ ސުވާލަކީ ގުޑުގުޑާ ބުއިމަކީ ސަގާފީކަމެއް ހެއްޔެވެ؟ ހަށިގަނޑަށް ގެއްލުން ހުރި ކަންކަން ސަގާފީ ކަމަކަށް ވެދާނެ ހެއްޔެވެ؟
ސަގާފަތުގެ ބޭނުމަކީ ގައުމެއްގައި ހިމެނޭ ރީތި އާދަކާދަތަށް ދިރުވައި ހިފެހެއްޓުމެވެ. ޖީލަކަށް ފަހު ޖީލަކަށް އެ ތަރިކައަކީ މުހިއްމު އެއްޗަކަށްވާތީ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އިންސާނުންގެ ހަށިގަނޑަށް ނުވަތަ އިންސާނުންނަށް ގެއްލުން ލިބޭ ކަންކަން ސަގާފީ ކަންކަމުގެ ގޮތުގައި ހިމަނާފައެއް ނުވެ އެވެ.
ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އަދި ތަރީހު ދިރާސާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި، ސަގާފަތަކީ އޭގެ ޒާތުގައި "ޕޮސިޓިވް" މާނައެއް އެކުލެވޭ ލަފުޒެކެވެ. އަދި ސަގާފަތާއި އާދަ ކާދައަކީ ތަފާތު ދޭއްޗެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އާދަ ކާދައިގެ ތެރޭގައި ގުޑުގުޑާ ބުއިން ހިމެނިދާނެ ކަމަށާއި އާދަކާދައަކީ ބަދަލުކުރެވޭ އެއްޗެއްކަމަށް އާދަމް ވިދާޅުވި އެވެ.
"އާދަކާދައިގެ ތެރޭގައި ހިމެނޭ ބައެއް 'ގުޑުގުޑާ' ބުއިމަކީ. ސަގާފަތެއް ނޫން. ސަގާފަތަކީ އޭގެ ޒާތުގައި ޕޮޒިޓިވް ލަފްޒެއް ހިމެނޭ އެއްޗެއް،" އާދަމް ވިދާޅުވި އެވެ.
އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ، ޞިއްޙީ ދާއިރާ އިންދޭ ދުންފަތުގެ ނުރައްކާތެރިކަމުގެ މެސެޖްތައް ގަބޫލުކުރަން މީހުންނަށް އުނދަގޫ ވަނީ، ދިވެހިންގެ ތެރޭގައި ސަގާފީކަމެއްގެ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ދެކެމުން އަންނާތީ ކަމަށެވެ. އަދި ސަގާފީކަމެއްގެ ގޮތުގައި އެކަހަލަ ކަންތައް ދެކެމުން އަންނަ ނަމަ، ދުފަތުގެ ގެއްލުން ދެނެގަތުމަށް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަރޫނާ ފާހަގަކުރެއްވި ގޮތުގައި ދުންފަތް މަނާކުރުމުގެ ގާނޫނެއް އޮތުމަކުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓިގެނެއް ނުދެ އެވެ.
"އެއްދުވަހު ސިނގިރޭޓު ބުއިން ހުއްޓާލާ މީހާ، އަނެއް ދުވަހު ސަގާފަތް ދިރުވާ އާލާކުރަން ފަށާ، ގުޑުގުޑާގެ ބްރޭންޑުގެ އާ ވައްތަރެއް ކަމަށްވާ ޝީޝާ އިން. ގިނަ ބަޔަކު ބުނަމުންދަނީ ޝީޝާ ބުއިމަކީ ސަގާފީކަމެއް ކަމަށާއި އެއިން ގެއްލުމެއް ނުވާނެ ކަމަށް،" އަރޫނާ ވިދާޅުވި އެވެ.
ސައިންސްވެރިން ދާދި ފަހުން ހެދި ސާވޭއަކުން ދައްކާގޮތުން ސިނގިރޭޓު ބުއިމުގެ ބަދަލުގައި މީހުން ބޮމުން އަންނަ “ޝީޝާ” ގައި ވެސް އާއްމުކޮށް ބޯ ސިނގިރޭޓުގައި އެކުލެވޭ ވިހަ މާއްދާތައް ހުރެއެވެ. އަދި ޝީޝާ ބުއިމަށް ހޭދަކުރާ ވަގުތުކޮޅުގެ ތެރޭގައި، މީހާގެ ހަށިގަނޑުގެ ތެރެއަށް ހަތަރު ސިނގިރޭޓުން ވަންނަ ވަރަށް 'ކާބަން މޮނޮކްސައިޑް ގޭސް' ވަންނަ ކަމަށް ސައިންސްވެރިން ބުނެ އެވެ. ކާބަން މޮނޮކްސައިޑް ހަށިގަނޑުގެ ތެރެއަށް ވަނުމަކީ ހޭނެތުމާއި ސިކުނޑިއަށް ބޮޑެތި ގެއްލުންތައް ލިބިދޭ ކަމެކެވެ.
"ޝީޝާ (ދިވެހިން ކިޔާ ގޮތުން ނަމަ ގުޑުގުޑާ) އަކީ މޭވާ ތަކުގެ ރަހަ އެކުލަވައިގެން ހަދާފައި ހުންނަ ދުންފަތް އަންދައި، އޭގެ ދުން ފެންގަނޑެއްގެ ތެރެއިން އަރުވައި، މީހުން ހައްލަމުން އަންނަ އެއްޗެއް" ސައިންސްވެރިންގެ ދިރާސާގައި ބުނެފައިވެ އެވެ.
އެހެންކަމުން "ހަށިގަނޑަށް ގެއްލުން ނުވާނެ" ކަމަށް ބުނެ ދިވެހިންގެ ތެރޭގައި ސަގާފަތް ދިރުވުމުގެ ގޮތުން ބޮމުން މިއަންނަ ޝީޝާ އަކީ ސިނގިރޭޓަށް ވުރެ ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއްގެ ގޮތުގައި މިވަނީ ވެފަ އެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރައް ބަލާއިރު ބައިނަލްއަގުވާމީ ދުނިޔޭގައި "ލަދު" ގަންނަން ޖެހޭ ހިސާބަށް ގައުމުގެ އަދުގެ ހާލަތު މިވަނީ ގޮސްފަ އެވެ. އަވައްޓެރި ބޮޑެތި ގައުމުތަކާ އަޅައިބަލާ އިރު، ހަތަރު ލައްކައެއްހާ މީހުން އުޅޭ މި ކުޑަ ރާއްޖޭއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެންމެ ގިނަ ގައުމުތަކުގެ އެއްވަނައިގައި އޮތް ގައުމެކެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަށް ދައްކާގޮތުން، ރާއްޖޭގައި ކޮންމެ ދެފިރިހެނަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ. އަދި ކޮންމެ ދިހަ އަންހެނަކުން އެއް އަންހެނަކީ ދުންފަތުގެ އަވައިގައި ޖެހިފައިވާ މީހެކެވެ.
"އޭޝިއާ ސަރަހައްދުގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ތަރައްގީވެފައިވާ ގައުމުތަކާ އަޅާބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމުގައި ދިވެހި ގައުމު ވަނީ ފެއިލްވެފައި، ރާއްޖޭގައި އުމުރުން 11 އަހަރުގައި ސިގިރޭޓް ބޯން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރޭ، އެކަން ބެލެނިިވެރިންނަށް ވެސް މާބޮޑުކަމަކަށް ނުވޭ،" އެޗްޕީއޭގެ އެޕިޑަމިލޮޖިސްޓް އަރޫނާ ވިދާޅުވި އެވެ.
ޝީޝާ ނުވަތަ ގުޑުގުޑާ ބުއިމަކީ "ނައިސް" ކަމެއް ނޫނެވެ. ސަގާފީ ކަމެއް ވެސް ނޫނެވެ. ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ އެއްޗެއްވެސް ނޫނެވެ. ސަގާފަތާއި އާދަކާދަ ދިރުވަން ކުރުން ރަނގަޅު ކަމެއްވެސް ނޫނެވެ. އިންސާނުންގެ ހަށިގަނޑަށް ހުރި ބޮޑު ގެއްލުމެކެވެ.