22 Jan 2015, 12:17
ރަށު ކޯޓުތަކަށް 39 މެޖިސްޓްރޭޓަކު ހޯދަން ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާންކޮށްފި އެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ އިސް މެޖިސްޓްރޭޓުންގެ ގޮތުގައި 29 ބޭފުޅަކު ބޭނުންވާ ކަމަށެވެ. އަދި 10 މެޖިސްޓްރޭޓަކު ރަށު ކޯޓުތަކަށް ބޭނުންވާ ކަމަށް ވެސް އެ އިއުލާންގައިވެ އެވެ.
ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރަށްތަކުގެ މެޖިސްޓްރޭޓުނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މެޖިސްޓްރޭޓުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 18500ރ. ދިނުމަށް ނިންމާފައިވާއިރު އިސް މެޖިސްޓްރޭޓަކަށް 21000ރ. ދިނުމަށް ވަނީ ނިންމާފައި އެވެ. އަދި ހަމައެއާއެކު މުސާރައިގެ އިތުރުން ލިވިން އެލަވަންސާއި ރިސްކު އެލަވަންސު ވެސް ވަނީ ދިނުމަށް ނިންމާފައެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ފަނޑިޔާރަކަށް ވެވޭނީ އުމުރުން 25 އަހަރުވުމުންނެވެ. އަދި އިންތިޚާބުކޮށްފައިވާ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ ނުވަތަ އެފަދަ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރުން ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ރިޝްވަތު ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމެވެ.
ތިރީސް ނުވަ މެޖިސްޓްރޭޓުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު މެޖިސްޓްރޭޓުން ހޯދުމަށް ކުރާ އިއުލާންތަކަށް ލިބޭ ތަރުހީބު ކުޑަ ކަމަށް ޖޭއެސްސީން ވަނީ މީގެކުރިން ބުނެފައެވެ. އެ ގޮތުން ރަށު ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް މީގެ ކުރިން މިދިޔަ އަހަރު އިއުލާން ކުރުމުން އެ މަގާމަށް ލިބިފައިވަނީ އެންމެ ބޭފުޅެއް ކަމަށް ޖޭއެސްސީ އިން ބުންޏެވެ.