ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާއާއި އޭނާގެ އަޚުން ޚިޔާނާތަށް މަގުފަހިވާ ގޮތަށް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ މުއާމަލާތްތައް ތަހުގީގުކޮށް، ޚިޔާނާތެއް އޮވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ސްރީލަންކާ ސަރުކާރުގެ ތަރުޖަމާނު އަދި އެގައުމުގެ ހެލްތު މިނިސްޓަރު ރަޖިތާ ސެނަރަތުނަ ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ ރާޖަޕަކްސާ އާއި އަޚުން ހިންގެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ހުރިހާ މުއާމަލާތެއް ސަރުކާރުން ތަހުގީގުކުރާނެ އެވެ.

ޗައިނާގެ ހަރަދުގައި މަޝްރޫއުތައް ހިންގުމަށް ރާޖަޕަކްސާގެ ދުވަސްވަރު ވެފައިވާ އެއްބަސްވުންތައް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ސްރީލަންކާ ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ޗައިނާގެ ބައެއް ކުންފުނިތަކާ އެކު ވެފައިވާ އެއްބަސްވުންތައް އުވައިލައްވާނެ ކަމުގެ އިޝާރާތެއް ލަންކާގެ މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ރައީސް ކަމަށް ކެމްޕޭން ކުރެއްވި ދުވަސްވަރު ވަނީ ދެއްވާފަ އެވެ.

ފައިސާގެ މުއާމަލާތްތަކުގެ އިތުރުން ހަތިޔާރުގެ މުއާމަލާތެއް ރާޖަޕަކްސާގެ ކޮއްކޯ ފުޅު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ގޮތަބަޔާ ރާޖަޕަކްސާ ހިންގަވާފައިވާ ކަމަށް ސެނަރަތުނަ ވަނީ ތުހުމަތުކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވެފައި ހަތިޔާރާ އެކު އަމިއްލަފުޅު އަސްކަރީ ބާރެއް ގޮތަބަޔާ ގެންގުޅުއްވި ކަމަށެވެ.

ސަރުކާރުން ކުރާ ތުހުމަތުތަކަށް ކުރީގެ ރައީސް ރާޖަޕަކްސާ އާއި އޭނާގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސާއާއި ބާސިލް ރާޖަޕަކްސާ ވެސް ދެކޮޅު ހައްދަވަ އެވެ.