22 Jan 2015, 12:11
ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމްގެ މަރުގެ މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
މިއަދު 1:00 ގައި ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައި ވަނީ ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލު ކޯޓަށް ހާޒިރު ނުވުމުންނެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.
އެ މައްސަލައިގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހަށް އަރުހަމް ބެއްލެވި ޑޮކްޓަރު ހާޒިރުކޮށް ޝަރީއަތަށް ބޭނުންވާ މައުލޫމާތު ވަނީ އޮޅުންފިލުވާފައެވެ.
އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި ދިފާއުގައި ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ވެސް މީގެކުރިން ވަނީ ނަގާފައެވެ. ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައި ވަނީ ސިއްރުން ނެވެ.