އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ޔޫސުފް ރިޓަޔާ ކުރައްވަނީ ސިއްހީ ސަބަބުތަކަށްޓަކައެވެ. އޭނާ ރިޓަޔާ ކުރެއްވުމުން ހައިކޯޓުގައި ދެ ފަނޑިޔާރުންގެ މަގާމު ހުސްވާނެ އެވެ. އެކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.

ޔޫސުފަކީ މަދީނާގައި ހުންނަ އިސްލާމިކް ޔުނިވާސިޓީން 1994 ވަނަ އަހަރު ޝަރީއަތުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ލީގަލް އޮފިސަރު ކަމާއި ކޯޓު ނަންބަރު 1 ގެ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ އިސްގާޒީ ކަމުގެ އިތުރުން އިންތިގާލީ މަރުހަލާގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުކަން ހިމެނެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ޔޫސުފް ކުރެއްވީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.