22 Jan 2015, 11:45
ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
ހޮޓެލްސް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެހިދުމަތް ތައާރަފް ކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އިސްލާމިކް ބޭންކިން ހިދުމަތް ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އިސްލާމިކް ބޭންކިން ހިދުމަތް މިއަދު ތައާރަފްކުރެވިގެން ދަނީ ފުލްކޮށް ނޫން ކަމަށާއި އެހިދުމަތް ފުޅާކުރާނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. މިއަދު އެހިދުމަތް ފެށީ އަމިއްލަ އެކައުންޓަތަކުން ކަމަށްވާ އިރު ކުރިއަށް އޮތްތަނުގައި ވިޔަފާރިތަކަށް ވެސް އެހިދުމަތް ތައާރަފްކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވިސްގެ އިސްލާމިކް ބޭންކިން އަށް އެޑުވައިޒަރެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކާއި ކުރީގައި އިސްލާމިކް މިނިސްޓަރުގެ މަގާމް ފުރުއްވާފައިވާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ހީލީ ވިދާޅުވި އެވެ. ހަމައެހެންމެ އެކުންފުނިން އިސްލާމިކް ބޭންކިން ހިދުމަތްތައް ދިނުމަށް ބޭނުންކުރާނީ ވަކި ކައުންޓަރުތަކާއި ވަކި ވަސީލަތްތަކެއް ނޫން ކަމަށާއި އެކަން ކުރަމުންދާނީ ބެންކިން މިހާރު ވެސް ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް ތައާރަފްކުރެވުނު އިސްލާމިކް ބޭންކިން ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށާއި އިސްލާމިކް ބޭންކިން އަކީ ދުނިޔޭގައި އެންމެ ބާރު ސްޕީޑެއްގައި ފުޅާވަމުން އަންނަ ބެންކިން ސާވިސް ކަމަށް ހީލީ ވިދާޅުވި އެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، މާދަމާއަކީ ރާއްޖެ އިސްލާމްވި ދުވަސް ކަމަށްވާއިރު އެދުވަހުގެ މުނާސަބަތުގައި މިފަދަ ހިދުމަތެއް ތައާރަފް ކުރެވިގެންދިއުމަކީ ބޮޑު އުފަލެއް ކަމަށެވެ.
އިސްލާމިކް ބޭންކިން އަކީ މުސްލިމުންނާއި މުސްލިމް ނޫން ފަރާތްތަކުގެ މެދުގައި ވެސް ވަރަށް މަގުބޫލް ހިދުމަތެއް ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
"ދިވެހިންގެ މެދުގައި އެނިޒާމަށް [އިސްލާމިކް ފައިނޭންސް] އަށް އޮތް ތާއީދު ދަނީ ބޮޑުވަމުން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް ބޭންކިންގެ ދަށުން ބީއެމްއެލްއިން 200 ރުފިޔާއަށް އެކައުންޓުތައް ހުޅުވޭއިރު އެ އެކައުންޓުތަކުން ވިސާ ޑެބިޓް ކާޑުގެ ހިދުމަތާއި ދިވެހި ރުފިޔާއާއި ޑޮލަރުން މުއާމަލާތް ކުރުމުގެ އިތުރުން އެހެނިހެން ގިނަ ހިދުމަތްތައް ލިބިގެންދެ އެވެ.
ބީއެމްއެލްއިން އިސްލާމިކް ބޭންކިންގެ ހިދުމަތް މިއަދު ތައާރަފްކޮށްފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އިން ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓްގެ ޑިޕޮސިޓްގެ މިންވަރު ވަނީ މި މަހުން ފެށިގެން ބޮޑުކޮށްފަ އެވެ.